މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 02 ވަނަ ޖަލްސާ - ފޮޓޯ: ސިޓީ ކައުންސިލް
ފަހި ފްލެޓުގައި ރަށްވެހިވެވޭ ގޮތަށް މާލޭ ސިޓީކައުންސިލުން ފާސްކޮށްފި
ފަހި ފްލެޓުތަކުގެ ދަށުން ރަށްވެހި ވުމަށް އެދޭ ފޯމު ވެސް ސިޓީ ކައުންސިލުން މިހާރު އަންނަނީ ބަލައިގަންނަމުން
ޖުނާން އަޙުމަދު 3 ޖޫން 2026 (ބުދަ)   13:42
ފަހި ފްލެޓުގެ ދަށުން މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި، ޖެހެވޭގޮތަށް މާލޭސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މާލޭސިޓީ ކައުންސިލުން މިގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 02 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

މިއަދުގެ ޖަލްސާއަށް މިކަން ހުށަހަޅުއްވަވާ، މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކައިގައި، ފަހި ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާ "ފަހި ޔޫނިއަން" އާ އެކުގައި އެމަނިކުފާނު ބޭއްވެވި ބައްދަލުކުރެއްވުން ތަކުގައި ތަކުރާރުކޮށް މި މައްސަލަ އެ ޔޫނިއަންއިން ފާހަގަކުރައްވާފައިވާ ކަމަށާ، މި ކަމަކީ އެ ފްލެޓުތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

އަދި އެ ރައްޔިތުން ދިރިއުޅެމުން އަންނަ ބޯހިޔާވަހިކަމުގައި އެތަންތަނުގެ ރަށްވެހިކަން ނުލިބި، ރާއްޖޭގެ އެތަންމިތަނުގައި އެމީހުންގެ ރަށްވެހިކަން އޮތުމަކީ އެ ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު ނިކަމެތި ކަމެއް ކަމަށާ، އެހެންކަމުން މިކަމަކީ މިހާރުން މިހާރަށް ވެސް ފަރުވާއެއް ހޯދުން މުހިންމުކަމެއް ކަމަށް ވެސް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

އަދި ލޯކަލް ކައުންސިލްގެ ނިޒާމު ފުރިހަމަ ވެގެން އަންނައިރު، އެތަނެއްގައި ދިރިއުޅޭ މީހުން އެތަނެއްގެ ކައުންސިލަރުން ހޮވުމަކީ މުސްތަގުބަލުގައި އެކަން އޮންނަންޖެހޭނެގޮތް ކަމަށް ވިދާޅުވެ މޭޔަރު އާޒިމް ވިދާޅުވީ، ނަމަވެސް މިއަދު މާލޭގައި ދިރިއުޅޭ ބަޔަކު ރާއްޖޭގެ އެކިއެކި ތަންތަނުގެ ކައުންސިލަރުން ހޮވުމަށް ވޯޓުދިނުމަކީ އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭނެ އުސޫލެއް ނޫންކަމަށާ އަދި މިއީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް މިކަން ކުރަމުން އަންނަ އުސޫލުކަމަށެވެ.

އެހެންކަމުން މިއަދު ލާމަރުކަޒީ ގާނޫނު މިހެންއޮތްކަމުގައި ވީނަމަވެސް، މިވަގުތު މާލޭގައި ދިރިއުޅޭ ބަޔަކަށް އެމީހުންގެ ރަށްވެހިކަން ބަދަލުކުރުމުގެ ފުރުސަތު ހޯދައިދީ އެކަމަށް އެކަށީގެންވާ ފަރުވާއެއް ދިނުމަކީ މާލޭސިޓީ ކައުންސިލްގެ ބޮލުގައި އެޅިފާއިވާ ޒިންމާއެއް ކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.

އަދި އެމީހުންގެ ރަށްވެހިކަން މާލެއަށް ބަދަލުކުރުމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތްކަމަށް ގާނޫނީ ބޭފުޅުން ލަފާދެއްވާފައިވާ ކަން ފާހަގަކުރައްވާ އާދަމް އާޒިމް ވިދާޅުވީ، އެހެންކަމުން މިކަމުގައި އެދެވޭނެ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މާލޭސިޓީ ކައުންސިލުން މިއަދު މިގޮތަށް ނިންމާފައި ވާއިރު، ފާއިތުވި އެމްޑީޕީ ސަރުކާރުން އިމާރާތްކުރި، 4000 ފުލެޓު ލިބިފައިވާ ފަރާތްތައް މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައިނުވާތީ ނުހަނު ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، މާލޭ ސިޓީ ކައުންސިލުން މި ފަރާތްތަކަށް އިތުރު ތަކްލީފެއް ނުޖައްސާ ރަށްވެހިންގެ ރަޖިސްޓަރީގައި ޖައްސަވައިދެއްވުމަށް ފަހި ފްލެޓުވެރިންހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާ "ފަހި ޔޫނިއަން" އިން މާލޭސިޓީ ކައުންސިލަށް އާދީއްތަދުވަހު ގޮވާލާފައި ވާކަން ފާހަގަކޮށްލެވެއެވެ.

އެ ޔޫނިއަންއިން މިކަމަށް އެދި ގޮވާލާ ނެރުނު ނޫސްބަޔާނުގައި، ފަހި ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ރަށްވެހިކަން ރަޖިސްޓްރީކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް، އެފްޑީސީގެ ޕޯޓަލްއަށް ހުށަހަޅައިގެން ހޯދުމަށްފަހު މާލޭ ސިޓީ ކައުންސިލަށް ވީހާވެސް އަވަހަކަށް ހުށަހެޅުމަށް އިލްތިމާސްކޮށްފައި ވެއެވެ.

އަދި ރަށްވެހިންގެ ރަޖިސްޓަރީއަށް އެދި މާލޭސިޓީ ކައުންސިލަށް ހުށަހެޅުމަށް ބޭނުންވާ އެފްޑީސީގެ ލިޔުން ހޯދުމަށް އެދި އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާނެގޮތުގެ އިރުޝާދުތައް ވެސް މި ނޫސްބަޔާނާއެކުގައި ފަހި ޔޫނިއަން އިން ވަނީ އެއް ހީރާސްކޮށްފައެވެ. އެ އިރުޝާދު ކަރުދާސް ތިރީގައި އެވަނީއެވެ:your imageރަށްވެހިންގެ ރަޖިސްޓަރީއަށް ބޭނުންވާ ލިޔުމަށް އެދި އެފްޑީސީ ޕޯޓަލްއަށް ހުށަހަޅާނެގޮތުގެ އިރުޝާދު ކަރުދާސް

ޕޯޓަލް މެދުވެރިކޮށް އެފްޑީސީގެ ލިޔުން ހޯދުމަށް ފަހު ތިރީގައި އެވާ ލިންކުގައިވާ ފޯމާއެކު މާލޭސިޓީކައުންސިލަށް ހުށަހެޅުމުން ރަށްވެހިންގެ ރަޖިސްޓަރީގައި ޖައްސައިދިނުމުގެ ކަންކަން އެ ކައުންސިލް އިދާރާއިން ކުރިއަށް ގެންދަވާނެ ކަމަށް ފަހި ޔޫނިއަން އިން މައުލޫމާތު ދެއެވެ.

https://cdn.malecity.gov.mv/website/documents/Application

އަދި މީގެ އިތުރުން މިކަމަށް އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވެލައްވާ ފަރާތެއް ވާނަމަ، ފަހި ޔޫނިއަންގެ ނަމްބަރު 9150909 އަށް ގުޅުއްވުމުން އެ ޔޫނިއަންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފަހި ޔޫނިއަން އިން މައުލޫމާތު ދެއެވެ.

ކޮމެންޓް