ފަހި ޔޫނިއަން އާއެކު މާލޭސިޓީ ކައުންސިލުން މިއަދު ބޭއްވެވި ބައްދަލުވުން - ފޮޓޯ: ސިޓީކައުންސިލް
މާލޭގައި ރަށްވެހިވެފައިވާ ބޯހިޔާވަހިކަން ގެއްލޭ ހާލަތެއް މެދުވެރިވެއްޖެނަމަ މާލޭ ދަފްތަރުގައި ޖައްސައިދެނީ
ޖުނާން އަޙުމަދު 7 ޖޫން 2026 (އާދީއްތަ)   20:18
ބޭންކުގައި މޯގޭޖު ކޮށްފައިވާ ގެއެއްގެ ލޯނު ނުދެއްކިގެން ގެ ވިއްކާ ހާލަތުގައި އެ ގޭގެ ރަށްވެހިން މާލޭ ދަފްތަރުގައި ޖައްސުމަށާއި، ރިއަލްއެސްޓޭޓް ކުންފުނިތަކުން ވިއްކާ ފުލެޓް ނުވަތަ އެޕާޓުމެންޓުތަކާއި، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ހިޔާ ފުލެޓާއި، ވިނަރެސް ފުލެޓު އަދި ފަހި ފުލެޓްތަކުގެ ރަށްވެހިންނަށް އެ ތަންތަނަށް ފައިސާ ނުދެއްކިގެން ތަން އަތުލަންޖެހިއްޖެ ހާލަތެއްގައި، އެތަންތަނުގައި ރަށްވެހިވެފައިވާ މާލޭގެ ރަށްވެހިން މާލޭގެ ދަފްތަރަށް ބަދަލުކޮށްދެއްވާނެ ކަމަށް މާލޭސިޓީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.

މާލޭސިޓީގެ މޭޔަރު އެކަމާގުޅޭ މައުލޫމާތު މިއަދު ދެއްވާފައި ވަނީ، ފާއިތުވި އެމްޑީޕީ ސަރުކާރުން އިމާރަތްކޮށްފައިވާ ފަހި ދިރިއުޅުން ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން، ފަހި ފްލެޓުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ "ފަހި ޔޫނިއަން" އާއެކު މާލޭސިޓީ ކައުންސިލުން މަޝްވަރާކުރެއްވުމަށް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ފަހި ފްލެޓުތަކުގެ ރައްޔިތުން، މާލޭގެ ރަށްވެހިންނަށް ބަދަލުވުމަށް ހުރި ދަތިތަކާއި އެކަންކަމުގެ ހައްލާގުޅޭގޮތުން ފަހި ޔޫނިއަން އާއެކުގައި ގިނަ މަޝްވަރާތަކެއް ކޮށްފައި ވާއިރު، މާލޭގައި ރަށްވެހިވެފައިވާ ބޯހިޔާވަހިކަން ގެއްލޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މާލޭ ދަފްތަރުގައި ޖައްސައިދިނުމަށް ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ، މިދިޔަ ބުދަ ދުވަހުއެވެ.

މާލޭސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވެވި އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 02 ވަނަ ރަސްމީ އާއްމު ޖަލްސާގައި އެ ހުށަހެޅުން ހުށަހަޅުއްވަމުން މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ހާލަތު ދިމާކުރާގޮތުން މާލޭގައި ރަށްވެހިވެފައިވާ ބޯހިޔާވަހިކަން ގެއްލޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ، މާލޭ ދަފްތަރުގައި، އެ ރަށްވެހިން ޖައްސައިދިނުމަކީ މާލޭސިޓީކައުންސިލްގެ ޒިންމާއެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން، ބޭންކުގައި މޯގޭޖު ކޮށްފައިވާ ގެއެއްގެ ލޯނު ނުދެއްކިގެން ގެ ވިއްކާލާ ހާލަތުގައި އެ ގޭގެ ރަށްވެހިން މާލޭ ދަފްތަރުގައި ޖައްސުމަށާއި، ރިއަލްއެސްޓޭޓް ކުންފުނިތަކުން ވިއްކާ ފުލެޓު ނުވަތަ އެޕާޓުމެންޓުތަކާއި، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ހިޔާ ފުލެޓާއި، ވިނަރެސް ފުލެޓު އަދި  ފަހި ފުލެޓްތަކުގެ ރަށްވެހިންނަށް އެ ތަންތަނަށް ފައިސާ ނުދެއްކިގެން ތަން އަތުލަންޖެހިއްޖެ ހާލަތެއްގައި، އެތަންތަނުގައި ރަށްވެހިވެފައިވާ މާލޭގެ ރަށްވެހިން ތިބެންޖެހޭނީ ހަމަ މާލޭސިޓީ ކައުންސިލްގެ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުގައި ކަމަށްވާތީ، އެކަމަށްޓަކައި މާލޭގެ ދަފްތަރަށް އެމީހުން ބަދަލުކޮށްދެއްވާގޮތަށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެން ސިޓީކައުންސިލަށް ހުށަހަޅުއްވާ ކަމަށް މޭޔަރު އާދަމް އާޒިމް ބުދަ ދުވަހު ވިދާޅުވިއެވެ.

މޭޔަރުގެ އެ ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން، ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ ތެރެއިން ތިން މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ އެކަމަށް ތާއީދުކުރައްވާ ވޯޓު ދެއްވާފައެވެ.

އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ، އިސްމާއިލް ހަލީމް އަދި އިބްރާހިމް ސަމާހު އެވެ.

ކޮމެންޓް