
ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ނުފޫޒާއި، ވަޒީފާތައް ބެހުމުގެ ސަބަބުން ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުން ކިތަންމެ ގިނަ ކަމުގައި ވީނަމަވެސް، ރައީސް މުއިއްޒަށް އިހުލާސްތެރި މެމްބަރުން މަދު ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ވަޒީރުންނާއި އިގްތިސާދީ ދާއިރާގެ ބޭފުޅުން ފިޗްގެ ރޭޓިން އާގުޅިގެން އެކަން "މާ ބޮޑު އީދަކަށް" ހައްދަވައިގެން އުޅުއްވި ނަމަވެސް، މިއީ ހަގީގީ ދިރުމެއް އައިސްގެން އުޅޭ ކަމެއް ނޫން ކަމަށެވެ.
މިއީ ވެންޓިލޭޓަރުގައި އޮތް ބަލިމީހަކު، ޑޮކްޓަރުން އުންމީދު ކަނޑާލާފައި ވަނިކޮށް، ކުޑަކޮށް "ލޮލުގެ ބޮނޑި ތޮޅިލުން" ފަދަ ކަމެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ އިގްތިސާދީ ހާލަތުގެ މިސާލުޖައްސަވަމުން އެމަނިކުފާނު ވިދާޅުވީ، އަވަށްޓެރި ސްރީލަންކާއަށްވެސް ބޭންކްރަޕްޓްވުމުގެ ކުރިން މިފަދަ ގޮތްގޮތް ދިމާވެފައިވާ ކަމަށެވެ.
ޕީއެންސީގެ އާންމު މެމްބަރުންގެ އިހުލާސްތެރިކަން ރައީސް މުއިއްޒާ އެކު ނެތްކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، އެކަން ހާމަވާ އެންމެ ބޮޑު މިސާލަކީ މިދިޔަ އެޕްރީލުގައި ބޭއްވި ހިޔާލު ހޯދުމުގެ ވޯޓު ކަމަށާ، ޕާޓީގެ އާންމު މެމްބަރުން ރައީސް މުއިއްޒާ އެކު ތިބި ނަމަ، އެ ވޯޓުގައި %30 އަށްވުރެ ބޮޑު އަގުލަބިއްޔަތު ލިބުނީސް ކަމަށެވެ.




