ތިން ރައީސުން އެކުގައި ބޭއްވެވި ބައްދަލުވުމަށްފަހު.-- ފޮޓޯ: ސޯޝަލްމީޑިއާ
ސަރުކާރު ޒިންމާދާރު ކުރުމުގައި އެމްޑީޕީގެ ގިއަރު މަތިކުރަން ޔާމީން ގޮވާލައްވައިފި
ބައި އިލެކްޝަނުން ބަލިވުމުން ޕީއެންސީން އެދައްކާ ވާހަކައިން އެނގެނީ އެމީހުން ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެކަން: ރައީސް ޔާމީން
މަރްޔަމް މުޙައްމަދު 8 ޖޫން 2026 (ހޯމަ)   08:27
ސަރުކާރު ޒިންމާދާރު ކުރުމުގައި އެމްޑީޕީގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ގިއަރު މަތިކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޓައުން ހޯލް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އިދިކޮޅެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުންދާއިރު، ރަސްމީކޮށް އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. ނަމަވެސް އެމްޑީޕީން ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރާކަން ޔާމީން ފާހަގަކުރެއްވިއެވެ.

"ދެން މިހާރު މި ފެނިގެން މިދަނީ މުއިއްޒު މި ބްރީތު ކުރަނީ، ނޫނީ ނޭވާލެވެނީ އެމްޑީޕީ ސްލެކްކަމުން (ބަލިކަށިކަމުން). އެބޭފުޅުންގެ ފަރާތުން މަސައްކަތްތަކެއް ނުކުރެވޭތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީއަކީ މެންބަރުން ގިނަ، އަދި އިލްމީ ގާބިލު ބޭފުޅުން ތިއްބެވި ޕާޓީއެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފް ފަދަ ކުޑަ ޕާޓީއަކުން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކާ އެއްވަރަށް (ޕެރަލަލްކޮށް) އެމްޑީޕީން ވެސް ހަރަކާތްތައް އިތުރުކޮށް، ސަރުކާރު ހަމަ މަގަށް އެޅުވުމަށް މިއަށްވުރެ މަތީ ގިއަރަކަށް މަސައްކަތްތައް ޖައްސަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އަށް މަރުހަބާ ވިދާޅުވެ ޔާމީން ވިދާޅުވީ، ސޯބެ ކުރެއްވީ ވަރަށް ވަރުގަދަ އަދި ސާބިތު މަސައްކަތްޕުޅެއް ކަމަށެވެ.

ސަރުކާރުން ހުރިހާ ވަސީލަތްތަކާއި މުޅި ދައުލަތުގެ އިސް ބޭފުޅުންނާއި ޕާޓީގެ ބޮޑުން އެއްތަނަކަށް ޖަމާކޮށް "ބަނޑަހަޖަހައިގެން" ތިބެ ކުރި މަސައްކަތާ އަޅާބަލާއިރު، ލިބުނު ނަތީޖާއަކީ ސަރުކާރުން ލަދު ގަންނަންޖެހޭ ވަރުގެ ނަތީޖާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ވޯޓުލާން ނިކުތް މީހުންގެ ޓާންއައުޓް މިއަށްވުރެ މަތިވިނަމަ، އަދި އެމްޑީޕީއަށް ފުރިހަމައަށް މަސައްކަތްކުރެވުނު ނަމަ މޮޅުވި ވޯޓުގެ ފަރަގު ބޮޑު ކުރެވުނީސް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ކެންޑިޑޭޓަށް އިންތިހާބުން ކާމިޔާބު ވަނީ ލިބިފައިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސޯބެ އެހުރީ ހޮވިފައި ކަމަށާ، މޮޅު ވާނީ މޮޅަށް ކަމަށެވެ.

"މިހާރު މިދައްކަނީ އެމްޑީޕީގެ އައްޑާ އެއް ނުވަތަ ކިއްލާ އަކުން މިވަރުވީމަ ތިމަންނަ މެން މޮޅުވެއްޖެއޭ އެމީހުން (ޕީއެންސީ) މޮޅުވީ، ސަރުކާރުގެ މި ހުރިހާ ރިސޯސްއެއް ބަންޑުން ޖަހާލައިގެން އެ ހުރިހާ މަސައްކަތެއް ކޮށްގެން އެވަރުވީމަ، ދެން ހަމަ ލަދުވެތި. މިހާރު އެ ދައްކާ ވާހަކަތަށް ނުދައްކާ މާ ރަނގަޅުވީސް ދެއްތޮ ތިމަންނަމެންނަށް މަސައްކަތް ކޮށްދިން މީހުންނަށް ޝުކުރު އަދާކުރަމޭ. ސޯބެ އަށް މަރުހަބާ ދަންނަވަމޭ. އޭގެ އިތުރަށް މި ދައްކާ ވާހަކަ ދެއްކީމަ މިއެގެނީ، ހައު ހަރޓް ދޭ އާރ،" ސަރުކާރު ހިންގާ ޕީއެންސީ މޮޅުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އުފާފާޅުކުރަމުންދާ ދިއުމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް