އިންތިހާބު ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ).-
ހިތަދޫ އުތުރު ދާއިރާ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
ޖުނާން އަޙުމަދު 8 ޖޫން 2026 (ހޯމަ)   14:43
މި މަހުގެ 6 ވަނަ ދުވަހު ކުރިއަށްދިޔަ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފި އެވެ.

މި ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ، ވޯޓުލީ ދުވަހު އާންމުކުރި ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އަށް ލިބުނީ 1375 ވޯޓެވެ. އޭނާއާ ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓް އަހްމަދު ސައީދު (ސޮޑާ) އަށް ލިބުނީ 1313 ވޯޓެވެ.

އައްޑޫ ސިޓީގެ މޭޔަރުކަން ތިން ދައުރު ކުރެއްވި ސޯބެ އަށް 51 ވޯޓު ލީ މީހުންގެ 51 ޕަސެންޓް ލިބުނުއިރު، ސޮޑާއަށް ލިބުނީ 48 ޕަސެންޓެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނު 4121 މީހުންގެ ތެރެއިން 66.25 ޕަސެންޓު މީހުން ވޯޓު ލިއެވެ. އެއީ 2730 މީހުންނެވެ.

މި ބައި އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓިއެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބެހެއްޓި 5 ފޮއްޓެވެ.

2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ މުހައްމަދު ސިނާންގެ މެންބަރުކަން ގެއްލުނީ، އިސްލާމިކް ބޭންކުން ނަގާފައިވާ 2.5 މިލިޔަން ރުފިޔާގެ ލޯނަކަށް ފައިސާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގަ އެވެ. ހުކުމުގައި ބުނެފައިވަ ގޮތުގެ މަތިން ފައިސާ ދައްކަވާފައި ނުވާތީ، ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ 2026 އެޕްރީލް 12 ގައެވެ.

މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ބައި-އިލެކްޝަނަށް ވާއިރު، އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ.

ކޮމެންޓް