
ރައްޔިތުންގެ މަޖިލީހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސޯބެ މަޖިލިސް މެންބަރުކަމުގެ ހުވާ ކުރުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައި ކަމަށެވެ.
ހިތަދޫ އިތުރު ދާއިރާގެ ހުސްވެފައިވާ މަޖިލިސް ގޮނޑިއަށް މެންބަރަކު އައްޔަނުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރެއްވީ 51 ޕަސެންޓުންނެވެ. އެއީ 1375 ވޯޓެވެ.
ސޯބެއާ ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 48 ޕަސެންޓު ވޯޓެވެ. އެއީ ޖުމްލަ 1313 ވޯޓެވެ.
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ މެންބަރުކަމުގެ ހުވާ ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވާނެ އެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް މަދުވާނެ އެވެ.
2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ މުހައްމަދު ސިނާންގެ މެންބަރުކަން ގެއްލުނީ، އިސްލާމިކް ބޭންކުން ނަގާފައިވާ 2.5 މިލިޔަން ރުފިޔާގެ ލޯނަކަށް ފައިސާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގަ އެވެ. ހުކުމުގައި ބުނެފައިވަ ގޮތުގެ މަތިން ފައިސާ ދައްކަވާފައި ނުވާތީ، ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ 2026 އެޕްރީލް 12 ގައެވެ.
މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ބައި އިލެކްޝަނަށް ވާއިރު، އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ.




