ޒުހައިރު، ހިތަދޫ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ސޯބެއާ އެކު.--
ސޯބެއާއެކު ފޮޓޯއެއް ނެގުމުން ޒުހައިރުގެ މަގާމު އުވާލައިފި
މަރްޔަމް މުޙައްމަދު 9 ޖޫން 2026 (އަންގާރަ)   06:00
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރު އަހުމަދު ޒުހައިރު، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)އާއެކު ފޮޓޯއެއް ނެގުމުން އޭނާ ހުންނެވި މަގާމު އުވާލައިފި އެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޒުހައިރު އެ މަގާމަށް އައްޔަން ކުރީ 2025 ޖޫން 15 ވަނަ ދުވަހު އެވެ.

ޒުހައިރު ވަނީ އެމްޑީޕީގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

މި މަހުގެ 6 ވީ ހޮނިހިރު ދުވަހު އޮތް ހިތަދޫ ދެކުނު ދާއިރާގެ ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރެއްވުމާއެކު، ޒުހައިރު ހުންނެވި ވަޒީފާ ކުއްލި ގޮތަކަށް އުވާލީ ޖެހިގެން އައި އާދީއްތަ ދުވަހުއެވެ. އަދި އެ ވަޒީފާ އުވާލީ ޒުހައިރުގެ ވަޒީފާ ގެއްލުވާލުމަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޒުހައިރު މީޑިއާއަށް ވިދާޅުވެފައިވާ ގޮތުގައި ގާނޫނީ އިމުގެ ތެރެއިން އޭނާ ވަޒީފާއިން ވަކިކުރެވޭނެ މަގެއް ނުފެނުމުން މަގާމު އުވާލީ އެވެ.

"މަގާމު އުވާލީމަ ދެން ވަޒީފާއިން އެ ވަކިވީތާ. އެއިރުން ވަޒީފާއިން ވަކިކުރި ކަމަކަށް ނުވާނެތާ،" ޒުހައިރު ވިދާޅުވެފައި ވެއެވެ.

ޒުހައިރު ވިދާޅުވީ ސޯބެއަކީ އޭނާގެ ޅިޔަނު ކަމަށާއި އޭނާއާއެކު ފޮޓޯ ނުނަގައި އެހެން މީހަކާއެކު ނަގާނެ ފޮޓޯއެއް ނޯންނާނެ ކަމަށެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ހާދިސާތަކާއި އެކްސިޑެންޓުތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ.

ކޮމެންޓް