އައްޑޫ ސިޓީ މަރަދޫގައި ބޭއްވި މީކާއީލްގެ ކެމްޕޭނު ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަ ދައްކަވާއިރު، މީކާއީލްއާއެކު މަޖިލިސް ކުރީގެ ރައީސް އަސްލަމް.-
މަޖިލިސް ކުރީގެ ރައީސް އަސްލަމްގެ ތާއީދު މީކާއީލަށް
8 ޖޫން 2026 (ހޯމަ)   22:53
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް، އެމްޑީޕީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމަށް ތާއީދު ކުރައްވައިފި އެވެ.

އަންނަ ހުކުރު ދުވަހު އޮންނަ ޗެއާޕާސަން އިންތިހާބުގެ މީކާއީލްގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު މިއަދު ހަވީރު އަސްލަމްވެސް ވަނީ އައްޑޫ މަރަދޫގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ވަކި މީހެއްގެ ފަހަތަށް އަރާ ވަކި މީހަކު ބުނާ ހުރިހާ ގޮތަކީ އަސާސީ ގަވާއިދުން ބޭރު ގޮތްގޮތް ކަމަށް ވިޔަސް އެކަންކަން ގަބޫލުކުރާނަމަ އެ އުޅެވެނީ މާ ބޯދާ ޒަމާނެއްގައި މީހުން އުޅުނު ގޮތަށް ކަމަށެވެ.

"މިއަދު މިޒަމާނަކީ އަސްލުގައި ގާނޫނުތަކާ ގާނޫނު އަސާސީތަކާ ގަވާއިދުތަކާ މިހުރިހާ އެއްޗެއް ލިޔެވިގެން އެއަށް ތަބާވެގެން އެއްބަސްވެގެން އެކަމުގެ ތެރެއަށް ވަދެ ތިބޭއިރު އެއާ އެއްކޮށް ކުރިއަށްދާން ޖެހޭނީ. ބަޔަކާ އެއްކޮށް މުއާހަދާއެއް ވެއްޖިއްޔާ އެއެއް ހިފެހެއްޓުމާއި ދެމެހެއްޓުމަކީ އެ މުއާހަދާއެއްގެ ބައިވެރިންގެ މައްޗަށް އޮންނަ ވާޖިބެއް. އެއްދުވަހު އެއްގޮތަކަށް ވާހަކަ ދައްކާފަ އަނެއް ދުވަހު އަނެއްގޮތަކަށް އަމަލުކޮށްފައި އެހެން ކަމަކު ނުދާނެ އެއްގޮތަކަށްވެސް. މީކާއީލް އެހެން ނުހައްދަވާތި. އަޅުގަނޑު ތާއީދުކުރާނީ މީކާއީލަށް." ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރު ހޭދަ ކުރެއްވި އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި އަސްލަމް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ތަކުރާރުވިޔަ ނުދީ، 2028 ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީ އެކުގައި ކުރިއަށް ގޮސްގެން ކަމަށެވެ.

އެހެންކަމުން، ޕާޓީން އެއްވެސް މީހަކު ބާކީނުކޮށް އަދި ޕާޓީން ބޭރުން ތާއީދުކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މި ވަގުތު އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ މީކާއިލް ޗެއާޕާސަން ކަމަށް ހޮވައިގެން ކަމަށެވެ.

ކޮމެންޓް