މީކާއީލް ނަސީމްގެ ކެމްޕޭން ޖަލްސާއެއްގެ ތެރެއިން.--
މަގާމު ބަހައިގެން ޗެއާޕާސަންކަމަށް ނުކުތީމާ އެއްބައިވަންތަކަމެއް ނުހިފެހެއްޓޭނެ: މީކާއީލް
ފިޔެސް 11 ޖޫން 2026 (ބުރާސްފަތި)   09:01
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރާއިރު މަގާމު ބަހައިގެން ވާދަކުރުމުން ޕާޓީގެ އެއްބައިވަންތަކަން ނުހިފެހެއްޓޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މާދަމާ އޮންނަ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ 'އިތުބާރު' ކެމްޕޭން އިން ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލީ 2028އާ ހަމައަށް އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދަމަހައްޓަން ކަމަށާ، އެކަން ކުރެވޭނީ، އެމްޑީޕީގެ 'ސިޔާސީ ކުޅިބައި' އެތުރިފައިވާ ގޮތުގެ ހަގީގަތް ހެޔޮ ހިތުން ގަބޫލުކޮށްގެން ކަމަށެވެ.

އެގޮތުން، ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ޓިކެޓަށް ޝައުގުވެރިވާ ގާތްގަނޑަކަށް ފަސް ބޭފުޅުން ތިބި ކަމަށާއި އެ ބޭފުޅުންގެ ފަހަތުގައި އެމްޑީޕީގެ އެތައް ހާސް މެންބަރުންނެއް ތިބުމަކީ މިއަދުގެ ހަގީގަތްކަން މީކާއިލް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކުރިއަށްދާން ބޭނުންނަމަ، އަޅުގަނޑު ހިތަށް އަރަނީ އެމްޑީޕީގެ ޗެއާޕާސަނަކަށް ފަރުދަކު ނިކުންނައިރު، އޭނާއަކީ ރައީސް، ތިމަންނާއަކީ ބޮޑުވަޒީރޭ ބުނެ މަގާމު ބަހާ ނިކުތީމާ އެ އެއްބައިވަންތަކަން މި ޕާޓީގައި ހިފެހެއްޓޭބާއޭ. ނޫން ނުހިއްފެހެއްޓޭ،" އޭނާ ވިދާޅުވިއެވެ.

މީކާއީލް މިފަދައިން ވިދާޅުވެފައި ވަނީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އަނެއް ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގެންދަވަނީ 'ބޮޑުބަދަލު'ގެ ނަމުގައި ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ކަންތައްތަކެއް ކަނޑައަޅައި އެކަންކަން ޕްރޮމޯޓް ކުރައްވަމުންނެވެ.

މީކާއީލް ވިދާޅުވީ، އެ ބީދައިން އަމަލުކުރުމުން އަނެއްކާވެސް 2028 އާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް ރޫޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"މި ފެންނަނީ އަނެއްކާވެސް 2023 އިއާދަވެދާނެ މަންޒަރު. މި އިންތިހާބުން އެކަނިވެސް 2023 އިއާދަވެދާނެ ފަދަ ވާހަކަތައް ބޭފުޅުން ދައްކަވާތީ އަޅުގަނޑު ހަމަ ހިތާމަކުރަން،" މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ އޭނާގެ ޗެއާޕާސަންކަމުގައި ޕާޓީ ތެރެއިން ހަމަހަމަ ފުރުސަތު އެންމެނަށްވެސް އޮންނާނެ ކަމަށާއި އޭނާއަށް ތާއީދު ކުރިއަސް އަދި ނުކުރިޔަސް އެއްވެސް ތަފާތެއް ނުގެންގުޅުއްވާނެ ކަމަށެވެ. ބޭނުންވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ދާއިރު، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ގެންދިޔުން ކަމަށްވެސް މީކާއީލް ވިދާޅުވި އެވެ.

ކޮމެންޓް