ނަޝީދަށް ލަވަ ކިޔައިދިން މީހާގެ ފިރިމީހާ ވަޒީފާއިން ސަސްޕެންޑުކޮށްފި
ޖުނާން އަޙުމަދު 10 ޖޫން 2026 (ބުދަ)   09:25
އަންނަ ހުކުރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަށް ނުކުމެވަޑައިގެން، ކެމްޕެއިން ކުރައްވަމުންގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގއ. މާމެންދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން ލަވައެއް ކިޔައިދިން މީހާގެ ފިރިމީހާ އޭނާގެ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.

ރައީސް ނަޝީދު މާމެންދޫއަށް އިއްޔެ ވަޑައިގެންނެވުނުން އެމަނިކުފާނަށް އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން "ޖަވާހިރެކޭ، ނަޝީދޭ ތިއީ" މި ލަވަ އެރަށުގެ އެމްޑީޕީގެ ސަޕޯޓަރަކު، އެރަށުން ހުށަހަޅައިދޭ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވެއެވެ.

އެއަށްފަހު، އެ ލަވަކިޔައިދިން މީހާގެ ފިރިމީހާ، ހަމަ އިއްޔެގެ ވަގުތެއްގައި ނަޝީދަށް މަރުހަބާ ކިޔަން އެއާޕޯޓަށް ދިޔަ މީހުންނާއެކު ދިޔުމުން ސަސްޕެންޑު ކޮށްފައިވާއިރު، މިހަފުތާގެ ތެރޭގައި، މިފަދަ ސަބަބުތަކާ ހުރެ 11 މީހަކު މިވަނީ ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރި އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެގި މައްސަލައިގައި މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު މަގާމުން ވަކިކޮށްފަ އި ވާއިރު، ސޯބެއަށް ކެމްޕެއިންކޮށްދިން ކަމަށް ބުނެ ވެމްކޯގެ މުވައްޒަފަކު ވެސް ވަޒީފާއިން ވަކިކޮށްފައި ވެއެވެ.

އަދި އެ ކުންފުނިން ގާނޫނާ ހިލާފަށް ޕެންޝަންގެ ފައިސާ ހިފަހައްޓާތީ މުޒާހަރާ ކުރި ދެ މީހަކު ވެސް ވަޒީފާއިން ވަކިކުރުމުގެ އިތުރުން، ގދ. ފިޔޯރީން ވެސް ރައީސް ނަޝީދަށް މަރުހަބާ ކިޔަން ނުކުތް ބަޔަކަށް މި ސަރުކާރުން ވަޒީފާގެ ބިރު ދައްކައިފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް