
މިކަމަށް ގޮވާލާފައި ވަނީ، އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު މާދަމާ އޮންނައިރު، އެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މީހުން ސަރުކާރުގެ ވަޒީފާތަކުން ކަނޑަމުންދާ ކަމަށް ބުނެ، އެކަން ކުށްވެރިކޮށް، ނަޝީދުގެ ކެމްޕޭން ޓީމުން ރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކަށް ވިޔަސް އަދި ސިވިލް ސާވިސްގެ މުވައްޒަފަކަށް ވިޔަސް ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާ، އެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭން ޖެހޭނެ ކަމަށެވެ.
އެހެންކަމުން، މި ސަރުކާރުން އެމްޑީޕީގެ އެތެރޭގެ މިި އިންތިހާބުގެ ތެރެއަށް ވަދެގަތުމުގެ ބޭނުމުގައްޔާއި އަދި އާންމުކޮށް ދިވެހި ރައްޔިތުންނަށް ބިރުދެއްކުމުގެ ބޭނުމުގައި ހައްގުތަކަށް އަރައިގަނެ، އެ ހައްގުތައް ނިގުޅައިގަންނަމުންދާ ދިއުން ހުއްޓާލުމަށް ގޮވާލާ ކަމަށް އެ ނޫސްބަޔާނުގައި ވެއެވެ.
އަދި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ފަދަ ދައުލަތުގެ އެންމެ އިސް މަގާމުތައް ފުރުއްވައި، ގިނަ ގުނަ ހިދުމަތްތައް ރައްޔިތުންނަށް ކޮށްދެއްވާފައިވާ ރައީސް ނަޝީދު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ކިޔައި ސަލާންގަލާން ކުރުމަށް ގިނަ ރައްޔިތުންތަކެއް ބޭނުންވާ ހިނދު، އެކަމަށް ހުރަސް އަޅައި، އެ ހައްގު އެ ރައްޔިތުންގެ ކިބައިން ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަސް ވެސް އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ނެރެފައިވާ ނޫސްބަޔާންމާދަމާ އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކެމްޕޭން ކުރެއްވުމުގައި ރައީސް ނަޝީދުއާ ދެން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް އެވެ. އަދި އެބޭފުޅާ ވެސް ރަށްރަށަށް ދަތުރުކުރައްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އެމްޑީޕީގެ ރައީސް ނަޝީދުގެ ކެމްޕޭން ތެރެއިން ނަޝީދުއަށް މަރުހަބާ ދެންނެވުމަށާއި އިސްތިގުބާލުގައި ނުކުންނަވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ ވަޒީފާ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާގައި އުޅުއްވާ ފަރާތްތައް ވަޒީފާއިން ސަސްޕެންޑުކޮށް، ވަކި ކުރުން ފަދަ މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު، ރައީސް މުހައްމަދު ނަޝީދު، ގއ. މާމެންދޫއަށް އަންގާރަދުވަހު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން ލަވައެއް ކިޔައިދިން މީހާގެ ފިރިމީހާ ވެސް ވަޒީފާއިން ސަސްޕެންޑުކޮށްފައި ވާއިރު، އޭނާޔާއެކުގައި މިހާރު، އެފަދަ ގޮތަކަށް 11 މީހަކު ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރި އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެގި މައްސަލައިގައި މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު މަގާމުން ވަކިކޮށްފަ އި ވާއިރު، ސޯބެއަށް ކެމްޕެއިންކޮށްދިން ކަމަށް ބުނެ ވެމްކޯގެ މުވައްޒަފަކު ވެސް ވަޒީފާއިން ވަކިކޮށްފައި ވެއެވެ.
އަދި އެ ކުންފުނިން ގާނޫނާ ހިލާފަށް ޕެންޝަންގެ ފައިސާ ހިފަހައްޓާތީ މުޒާހަރާ ކުރި ދެ މީހަކު ވެސް ވަޒީފާއިން ވަކިކުރުމުގެ އިތުރުން، ގދ. ފިޔޯރީން ވެސް ރައީސް ނަޝީދަށް މަރުހަބާ ކިޔަން ނުކުތް ބަޔަކަށް މި ސަރުކާރުން ވަޒީފާގެ ބިރު ދައްކައިފައި ވާކަން ފާހަގަކޮށްލެވެއެވެ.




