
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ބޮޑުބަދަލު" ކެމްޕޭން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރީގެ މެންބަރު އަބުޅޯ އާއި އެމް.ޑީ.ޕީގެ އާއްމު މެމްބަރުން ކުރައްވަމުންގެންދާ ބުރަ މަސައްކަތްޕުޅާއި ދައްކަވާ ސާބިތުކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި ސާބަސް ރައްދުކުރައްވާ ކަމަށެވެ.
އަބުޅޯގެ މި ނިންމެވުމާއެކު، އެމްޑީޕީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމާއި ކެމްޕޭނުގެ ފޯރި ވަނީ މުޅި ރާއްޖޭގައި، ޚާއްޞަކޮށް ހުވަދުއަތޮޅުގައި ވަރަށް ބޮޑަށް ގަދަވެފައެވެ.
ޢަބްދުﷲ އަޙްމަދު (އަބުޅޯ) އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ފުރުއްވި ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅެކެވެ.
ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި ނަމަވެސް، ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވި މެންބަރުންގެ ތެރޭގައި އޭނާ ހިމެނެއެވެ.
2017 ވަނަ އަހަރު މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވުމާ ގުޅިގެން، އޭނާ ހިމެނޭހެން ޖުމްލަ 12 މެންބަރެއްގެ ގޮނޑި ގެއްލުނުކަމަށް އޭރުގެ އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއެވެ.
މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި "12 މެންބަރުން" ގެ ނަމުން މަޝްހޫރުވި، އަދި މަޖިލީހުގެ ފާރުމަތިން ފުންމާލައިގެން މެންބަރުން ވަންނަން އުޅުނު ހަލަބޮލި ހާދިސާ އެވެ.
ތިނަދޫގައި ބޭއްވި ރައީސް ނަޝީދުގެ "ބޮޑުބަދަލު" ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަމުން އަބުޅޯ މި ކަން ސިފަ ކުރެއްވީ "ފުށް ބަސްތާ ތަކެއް" ހެން އޭރު އެބޭފުޅުން މަޖިލީހުގެ ފާރުމަތިން ނަގާ އުކާލީ ކަމުގައެވެ.
މިވަގުތަކީ އެމްޑީޕީ ނިންދަވާފައި ބާއްވަންވީ ވަގުތު ނޫން ކަމަށާއި، މިވަގުތަކީ އެމްޑީޕީ ތެދުވެ މުޅި ގައުމު ހޭލައްވާލަންވީ ވަގުތު ކަމަށް އަބުޅޯ ވިދާޅުވިއެވެ.
2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އަބުޅޯގެ ގޮނޑި ސައްހަ ކަމަށް ކަނޑައަޅައި، އަލުން މަޖިލީހަށް އަނބުރާ ގެނެސްދީފައެވެ.
އޭގެފަހުން ޖުމްހޫރީ ޕާޓީގައި އުޅުއްވި އަބުޅޯ އަކީ ތިނަދޫގައި ބޮޑު ތާއީދަކާއި އިޙްތިރާމެއް އޮންނަ ހަރުދަނާ ސިޔާސީ ޝަޚްޞިއްޔަތެކެވެ.




