އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ކުރީގެ ޗެއާޕާސަން އަޒާން އަހުމަދު ޒުހައިރު
ބައްޕަގެ ވަޒީފާ ގެއްލުވާލުމުން، އޭއައިއޭގެ ޗެއާޕާސަން އިސްތިއުފާދެއްވައިފި
ޖުނާން އަޙުމަދު 9 ޖޫން 2026 (އަންގާރަ)   08:32
އޭއައިއޭ (އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް)ގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަޒާން ޒުހައިރު، އޭނާގެ ބައްޕަގެ ވަޒީފާ މި ސަރުކާރުން އުވާލުމުން އެކަމަށް ފާޑުވިދާޅުވެ، އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވަމުން، ސޯޝަލް މީޑިއާގައި ރޭ އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަޒާން މަގާމުން އިސްތިއުފާދެއްވީ، އެމްޓީއެސްބީ (މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު) ގެ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އޭނާގެ ބައްޕަ އެ މަގާމުން ވަކިކުރުމުގެ ގޮތުން މި ސަރުކާރުން ކުއްލި ގޮތަކަށް އެ މަގާމު އުވާލުމާ ގުޅިގެންކަމަށެވެ.

އަޒާންގެ ބައްޕައަކީ އަބަދުވެސް އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށް ވީނަމަވެސް އޭވިއޭޝަން ދާއިރާގައި ބައްޕަގެ ހުރި ތަޖުރިބާއަށް ބިނާކޮށް، އިންޓަވިއު މަރުހަލާއަކަށްފަހު އެމްޓީއެސްބީގެ ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރީ ވެރިކަންކުރާ ޕީއެންސީއަށް ތާއީދުކުރަންޖެހޭނެ ކަމުގެ އެއްވެސް ޝަރުތަކާ ނުލާ ކަމަށް ވިދާޅުވެ އަޒާން ވިދާޅުވީ، އެކަމަށް ޝަރުތުކުރި ނަމަ، އޭނާގެ ބައްޕަ އެ މަގާމާ ހަވާލު ނުވީސްކަމަށެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް ކެމްޕެއިން ހަރަކާތެއްގައި އަޒާންގެ ބައްޕަ ބައިވެރިވެވަޑައިގެންފައި ނުވާކަމަށާ، އެއަށްފަހު ބައިވެރިވެވަޑައިގެންނެވީ ހަމައެކަނި އަބްދުﷲ ސޯދިގް (ސޯބެ)ގެ ކެމްޕެއިން ހަރަކާތެއްގައި ކަމަށް ވާއިރު، ސޯބެއަކީ އޭނާގެ ބައްޕައާ އާއިލީ ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.

ސަރުކާރުގެ ތެރެއިން ބަޔަކު ނުފޫޒު ފޯރުވައިގެން އޭނާގެ ބައްޕަ މަގާމުން ވަކިކުރުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރައްވަމުން އަޒާން ވިދާޅުވީ، އެހެން ނަމަވެސް އެ ކެންޕެއިންގައި ބައްޕަ ބައިވެރިވެލައްވާނެ ކަން މީގެ 15 ދުވަސް ކުރިން މިނިސްޓްރީއަށް އަންގާފައިވާނެކަމަށެވެ.

އޭނާގެ ބައްޕަ މަގާމުން ވަކިކުރުމަށް ޓަކައި އެ މަގާމު މުޅިން އުވާލާފައިވާއިރު، އެކަމުގެ ސަބަބަކީ އެމްޓީއެސްބީގެ ޑިރެކްޓަރުގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވެފައި، އެއީ ކޮންޓްރެކްޓް އުސޫލުން އަދާކުރައްވަމުން ގެންދަވާ ވަޒީފާއަކަށް ވާތީ ކަމަށް އަޒާން ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރުމުގައި ދެމިހުރުމަކީ އޭނާއަށް ކުރެއްވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ އަޒާން ވިދާޅުވީ، އެހެންކަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމުން އޭނާ އިސްތިއުފާދެއްވީކަމަށެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޒުހައިރު އެ މަގާމަށް އައްޔަން ކުރީ 2025 ޖޫން 15 ވަނަ ދުވަހު އެވެ.

ޒުހައިރު ވަނީ އެމްޑީޕީގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

މި މަހުގެ 6 ވީ ހޮނިހިރު ދުވަހު އޮތް ހިތަދޫ ދެކުނު ދާއިރާގެ ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރެއްވުމާއެކު، ޒުހައިރު ހުންނެވި ވަޒީފާ ކުއްލި ގޮތަކަށް އުވާލީ ޖެހިގެން އައި އާދީއްތަ ދުވަހުއެވެ. އަދި އެ ވަޒީފާ އުވާލީ ޒުހައިރުގެ ވަޒީފާ ގެއްލުވާލުމަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޒުހައިރު މީޑިއާއަށް ވިދާޅުވެފައިވާ ގޮތުގައި ގާނޫނީ އިމުގެ ތެރެއިން އޭނާ ވަޒީފާއިން ވަކިކުރެވޭނެ މަގެއް ނުފެނުމުން މަގާމު އުވާލީ އެވެ.

"މަގާމު އުވާލީމަ ދެން ވަޒީފާއިން އެ ވަކިވީތާ. އެއިރުން ވަޒީފާއިން ވަކިކުރި ކަމަކަށް ނުވާނެތާ،" ޒުހައިރު ވިދާޅުވެފައި ވެއެވެ.

ޒުހައިރު ވިދާޅުވީ ސޯބެއަކީ އޭނާގެ ޅިޔަނު ކަމަށާއި އޭނާއާއެކު ފޮޓޯ ނުނަގައި އެހެން މީހަކާއެކު ނަގާނެ ފޮޓޯއެއް ނޯންނާނެ ކަމަށެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ހާދިސާތަކާއި އެކްސިޑެންޓުތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ.

ކޮމެންޓް