
ސޯބެ މިހެން ވިދާޅުވީ، ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި، ސޯބެ ވިދާޅުވީ ވަޒީފާއިން ވަކިކުރި މީހުން، ވަޒީފާއިން ވަކިކޮށްފައި ވަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ކަމަށް ވީނަމަވެސް، އެކަމުގެ މަގުސަދު އެ ދާއިރާގެ ރައްޔިތުންނަށް ވެސް ވަރަށް ސާފުކަމަށެވެ.
ސޯބެ ވިދާޅުވީ އޭނާގެ ކެންޕޭނުގައި ބައިވެރިވި މީހުން ވަކިކުރީ ހަރަދުކުޑަކުރަން ކަމަށް ވާއިރު، އެއްވެސް މަސައްކަތެއް ނުކުރުވައި ގޭގައި ބައިތިއްބާފައި ތިބި ޕީއެންސީއަށް ތާއީދުކުރާ މީހުން ހަމަ އެ ކުންފުނިތަކުގެ ވަޒީފާގައި ތިބި ތިބުމުން މި ސަރުކާރުން މިކަންކަމުގައި ގެންގުޅޭ ވިސްނުން ވަރަށް ބޮޑަށް ހާމަވާ ކަމަށެވެ.
ވަޒީފާއިން ވަކިކުރާ ލިސްޓުގައި އެމްޑީޕީއަށް ތާއީދުކުރާ އެތައް ބައިވަރު ބަޔަކު އަދިވެސް އެބަތިބި ކަމަށް ސޯބެ ތުހުމަތު ކުރައްވާފައި ވާއިރު، އޭނާއާ އެކު ފޮޓޯއެއް ނެގި މައްސަލައިގައި މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
އަދި ސޯބެއަށް ކެމްޕެއިންކޮށްދިން ކަމަށް ބުނެ ވެމްކޯގެ މުވައްޒަފަކު ވެސް ވަޒީފާއިން ވަކިކޮށްފައި ވާއިރު، އެ ކުންފުނިން ގާނޫނާ ހިލާފަށް ޕެންޝަންގެ ފައިސާ ހިފަހައްޓާތީ މުޒާހަރާ ކުރި ދެ މީހަކު ވެސް ވަޒީފާއިން ވަކިކުރިކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ ހުކުރުދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި އޭރު ކެންޕޭނަށް ނުކުމެވަޑައިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގއ. މާމެންދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން ލަވައެއް ކިޔައިދިން މީހާގެ ފިރިމީހާ ވެސް ވަނީ ވަޒީފާއިން ސަސްޕެންޑު ކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.
އަދި މީގެއިތުރުން، ގދ. ފިޔޯރީން ވެސް ރައީސް ނަޝީދަށް މަރުހަބާ ކިޔަން ނުކުތް ބަޔަކަށް މި ސަރުކާރުން ވަޒީފާގެ ބިރު ދައްކައިފައި ވާކަން ވެސް ފާހަގަކޮށްލެވޭއިރު، ސިޔާސީ ފިކުރާ ގުޅުވައި މީހުން ވަޒީފާއިން ވަކި ކުރުމާއި، އެކި މީހުންގެ މައްޗަށް ސިޔާސީ ދައުވާ އުފުލަމުންދާ ދިޔުމާ، އަދި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި އޮތުމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.




