
ސްޓާމާ މިކަން އިއުލާނު ކުރެއްވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޑައުނިން ސްޓްރީޓްގެ ބޭރުގައި ހުންނަވައި ދެއްވި ބަޔާނެއްގައެވެ.
ގައުމާ މުހާތަބު ކުރައްވަމުން ސްޓާމާ ސިފަކުރެއްވި ގޮތުގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަކީ އޭނާގެ ހަޔާތުގައި އައި "އެންމެ ފަޚުރުވެރި ވަގުތެވެ."
ގައުމާ މުހާތަބު ކުރައްވަމުން ސްޓާމާ ވިދާޅުވީ، އޭނާއާ ހަވާލުވީ "ސިޔާސީ ގޮތުންނާއި، މާލީ ގޮތުން އަދި އަޚްލާގީ ގޮތުން ބަނގުރޫޓުވެފައިވާ" ލޭބަރ ޕާޓީއެއް ކަމަށާއި، އެ ޕާޓީ "ނިމިއްޖެ" ކަމަށް ތަކުރާރުކޮށް އޭނާ ގާތު ބުނެފައިވާ ކަމަށެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ޕާޓީއަށް އިސްކޮށް ހުންނެވުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އެއީތޯ ޕާޓީން ސުވާލު އުފައްދަމުންދާ ކަމަށާއި، އެ ސުވާލުގެ "ޖަވާބު ލިބިއްޖެ" ކަމަށާއި، "އެ ޖަވާބު ފުރިހަމަ އިހުތިރާމާއެކު ގަބޫލުކުރައްވާ" ކަމަށް ސްޓާމާ ވިދާޅުވިއެވެ.
ސްޓާމާ ވިދާޅުވީ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ނިންމެވި ކޮންމެ ނިންމެވުމަކީ ވެސް އެމަނިކުފާނު ލޯބިވާ ގައުމު އިސްކޮށްގެން ނިންމެވި ނިންމެވުންތަކެއް ކަމަށެވެ. ގައުމަށް ހިދުމަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވަނީ މަގާމުން ވަކިވެވަޑައިގަންނަވަނީ ގައުމުގެ މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެފައެވެ.
ސްޓާމާ އިއުލާން ކުރެއްވި ގޮތުގައި އޭނާ މިހާރު ވަނީ ރަސްގެފާނާ ވާހަކަދައްކަވާފައެވެ. އަދި އޭނާގެ ބަދަލުގައި އައު ލީޑަރަކު ހޮވުމުގެ މަރުހަލާއެއް ކުރިއަށްދާނަމަ، ސެޕްޓެމްބަރު މަހު ޕާލަމެންޓް އަލުން ފެށުމުގެ ކުރިން އައު ލޭބަރ ލީޑަރަކު އައްޔަންކުރެވޭނެ ކަމަށް ވިދާޅުވިއެވެ
ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، ބާރުތައް ބަދަލުކުރުމުގެ ކަންކަން ތަރުތީބުން ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، އޭނާގެ ފަހުން ވަޑައިގަންނަވާ ބޭފުޅަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ތަގުރީރު ނިންމަވާލައްވަމުން އަސަރާއެކު ސްޓާމަރ ވިދާޅުވީ، ދެން އޭނާ މަސައްކަތް ކުރައްވާނީ އޭނާގެ "މޮޅު އަނބިކަނބަލުންނާއި" "ރީތި ދަރިންނަށް" އެންމެ ރަނގަޅު ފިރިއަކަށް އަދި ރަނގަޅު ބައްޕައަކަށް ވުމަށް ކަމަށެވެ. އެއަށްފަހު އަނބިކަނބަލުންގެ ގައިގައި ބައްދާލެއްވުމަށްފަހު އަނބިކަނބަލުންނާއެކު އޭނާ އެނބުރި ވަޑައިގަތީ ނަންބަރު 10، ރަސްމީ ގެކޮޅަށެވެ.
ސްޓާމާގެ މި ނިންމެވުމާއެކު ލޭބާ ޕާޓީގެ އައު ލީޑަރަކު ހޮވުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބެލެވެއެވެ. ސްޓާމާގެ ބަޔާނުގައި އެމަނިކުފާނު ވަނީ ގައުމުގެ ކުރިމަގަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.




