
އެއް ޓްރިލިއަން ޑޮލަރަށްވުރެ ބޮޑު މިލްކިއްޔާތެއް ހުރި މީހަކަށް މަސްކު ވީ ތާރީހުގައި ވެސް އެންމެ ގިނަ ފައިސާ ހޯދި މި އައިޕީއޯ މެދުވެރިކޮށް 75 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިބުމާ އެކުގަ އެވެ. މިއީ ކުރިއަށް އޮތް ދުވަސްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން ހިއްސާގެ ބާޒާރަށް ނުކުތުމަށް ބާރަކަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ހުކުރު ދުވަހު މާކެޓް ހުޅުވުނުއިރު ސްޕޭސްއެކްސްގެ ހިއްސާއެއްގެ އަގު ހުރީ 150 ޑޮލަރުގައެވެ. މިއީ އައިޕީއޯގެ ކުރީގެ އަގު ކަމަށްވާ 135 ޑޮލަރަށްވުރެ 11 ޕަސެންޓުގެ ކުރިއެރުމެކެވެ. މިއާއެކު ކުންފުނީގެ ޖުމްލަ އަގު 1.96 ޓްރިލިއަން ޑޮލަރަށް އަރައި، އެމެރިކާގެ 6 ވަނައަށް އެންމެ ބޮޑު ކުންފުންޏަށް ވުމުގެ މަގުމަތީގައި ސްޕޭސްއެކްސް ވަނީ ފައިތިލަ ސާބިތުކޮށްފައެވެ. އަދި ވިޔަފާރި ބަންދުވިއިރު، ހިއްސާގެ އަގު 18 ޕަސެންޓު މައްޗަށް ގޮސް، ހިއްސާއެއްގެ އަގު ވަނީ 159 ޑޮލަރަށް އަރާފަ އެވެ.
ސްޕޭސްއެކްސްގެ މި ކާމިޔާބީގެ އިތުރުން، އެމެރިކާ އާއި އިރާނާ ދެމެދު އެކުލަވައިލެވޭ ވަގުތީ ސުލްހައިގެ އެއްބަސްވުމެއްގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ހުޅުވިދާނެ ކަމުގެ އުންމީދުގައި މުޅި މާކެޓަށް ވަނީ ހެޔޮ ބަދަލެއް އައިސްފަ އެވެ. މިގޮތުން މި ހަފުތާގެ ވިޔަފާރި ނިމުނުއިރު ޑައު ޖޯންސް 0.6 ޕަސެންޓު، ނޭސްޑެކް 0.2 ޕަސެންޓު އަދި އެސް އެންޑް ޕީ 500 ވަނީ 0.35 ޕަސެންޓު މައްޗަށް ގޮސްފައެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޕޭސްއެކްސް އިން 75 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާފައިވާއިރު، އެއާއެކު ކުންފުނީގެ އަގު ވަގުތުން 1.77 ޓްރިލިއަން ޑޮލަރަށް އެރިއެވެ. އަދި މި އައިޕީއޯއަށް އުންމީދު ކުރި ވަރަށްވުރެ 4 ގުނަ އިތުރަށް މީހުން ވަނީ ހިއްސާ ގަންނަން ހުށަހަޅާފަ އެވެ.
ބްލޫމްބާގް ނިއުސްއިން ބުނާގޮތުގައި، ބޮޑެތި އިންވެސްޓަރުންގެ ތެރެއިން 70 ޕަސެންޓު ހިއްސާ ގަނެފައިވަނީ ދުރު މުސްތަގުބަލުގައި ފައިދާވާނެ ކަމަށް ބަލައިގެން އިންވެސްޓްކުރާ ފަރާތްތަކުންނާއި، ސައުދީ އަރަބިއްޔާ އަދި ކުވައިތުގެ ސޮވަރިން ވެލްތު ފަންޑުތަކުންނެވެ.
މާކެޓުގައި ގަންނަން ބޭނުންވާ މީހުންނާއި ވިއްކަން ބޭނުންވާ މީހުންގެ އޯޑަރުތައް އެއްވަރުވަންދެން ސްޕޭސްއެކްސްގެ ހިއްސާގެ ވިޔަފާރި ފެށުން ލަސްކުރެވުނެވެ. މާހިރުން ލަފާކުރި ގޮތުގައި މިއީ މެޓާ (ފޭސްބުކް) އިން 2012 ގައި ކުރިމަތިލާންޖެހުނު ފަދަ ޓެކްނިކަލް މައްސަލަތަކުން ސަލާމަތްވުމަށް ކުރި ކަމެކެވެ. މީގެއިތުރުން، ކުރިއަށް އޮތް އެންތޮރޮޕިކް އާއި އޯޕަންއޭއައި ފަދަ އޭއައި ކުންފުނިތަކުގެ އައިޕީއޯ ތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރިވަރު ބެލުމަށްވެސް މި ބާޒާރުގެ ހަރަކާތްތަކަށް ގިނަ ބަޔަކު ފާރަވެރިވި އެވެ.
މި ތާރީހީ ހިއްސާގެ ބާޒާރާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެފައިވާއިރު، ސްޕޭސްއެކްސް އަކީ މިދިޔަ އަހަރު 5 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނު ކުންފުންޏެކެވެ. އެހެންނަމަވެސް، މިހާރު މި ލިބުނު ބޮޑު ކުރިއެރުމުގެ އަސްލަކީ ކުންފުނީގެ އާމްދަނީގެ 80 ޕަސެންޓު ހިއްސާކުރާ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ވިޔަފާރިއަށް އައިސްފައިވާ ބޮޑު ކުރިއެރުމެވެ.
މި ކާމިޔާބީއާއެކު ވެސް، ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ކުންފުންޏަށް 2025 ވަނަ އަހަރު 18.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، އޭއައި އަށް ކުރި ބޮޑު ހޭދައިގެ ސަބަބުން 4.9 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެ އެވެ. ކުންފުނީގެ ކުރިމަގު ބިނާވެފައިވަނީ އަދި ސާބިތުނުކުރެވޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން މާސްއަށް މީހުން ގެންދިއުމާއި، ޖައްވުގައި ޑޭޓާ ސެންޓަރުތައް ހެދުން ފަދަ ސައިންސް ފިކްޝަން ކަންތައްތަކެއް ހަގީގަތަކަށް ހެދުމުގެ މައްޗަށެވެ.
މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވުމުން ބައެއް ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. އެމެރިކާގެ ޑިމޮކްރެޓިކް ސެނެޓަރު އެލިޒަބަތު ވޮރެން ވިދާޅުވި ގޮތުގައި، އާންމު ރައްޔިތުން މުސްކުޅިވާއިރު ބޭނުންކުރަން ފައިސާކޮޅެއް ރައްކާނުކުރެވިގެން އުޅޭއިރު، ދުނިޔެއަށް ފުރަތަމަ ޓްރިލިއަނަރަކު އުފެދުމުން އެކަމާ އުފާކުރަންވީ ނޫން ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.




