
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ސްޓެލްކޯގެ 2025 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރަކީ އެ ކުންފުނީގެ ވިޔަފާރި ވަރަށް ރަނގަޅު އަހަރެކެވެ. އޭގެ ކުރީއަހަރު 2024 ވަނަ އަހަރު އެ ކުންފުނީގެ ފައިދާ އަކީ 181 މިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރު ސްޓެލްކޯއަށް އާމްދަނީގެ ގޮތުގައި 3.3 ބިލިޔަން ރުފިޔާ ލިބުނުއިރު، މި އާމްދަނީ ހޯދަން 2.6 ބިލިޔަން ރުފިޔާ ހަރަދުވި އެވެ. އެހެންވެ ޖުމްލަ ފައިދާވީ 716.9 މިލިޔަން ރުފިޔާ އެވެ.
ސްޓެލްކޯގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ކަރަންޓު ހިދުމަތުން ލިބުނު އާމްދަނީ އެވެ. އެ ހިދުމަތުން 3.1 ބިލިޔަން ރުފިޔާ ލިބުނުއިރު ފެނާއި ނަރުދަމާގެ ހިދުމަތުން ލިބުނީ 45.9 މިލިޔަން ރުފިޔާ އެވެ. ކަރަންޓު ނޫން އާމްދަނީގެ ގޮތުގައި އިތުރު 176.8 މިލިޔަން ރުފިޔާ ލިބުނެވެ.
ސްޓެލްކޯ އިން ތެލުގެ ހަރަދުތަކަށް މިދިޔަ އަހަރު 66 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ އޭގެ ކުރީ އަހަރުގެ ހޭދައާ އަޅާބަލާއިރު 45 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ލޯނު އަނބުރާ ދެއްކުމަށް އެ ކުންފުނިން 140 މިލިޔަން ރުފިޔާ ހޭދަކުރިއެވެ. އޭގެ ކުރީ އަހަރު ވަނީ 150 މިލިޔަން ރުފިޔާ ހޭދަކޮށްފަ އެވެ.
މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމާއި އެޑްމިނިސްޓްރޭޓިވް ކަންކަމަށް ކުރި ހޭދަ ވެސް ވަނީ 15 ޕަސެންޓް ދަށްވެފަ އެވެ. އެއީ ވެސް ކުންފުނީގެ ފައިދާ އިތުރުވި އެއް ސަބަބެވެ. މިދިޔަ އަހަރު ކުންފުނީގެ މުވައްޒަފުންނަށް މުސާރަދީ، ހިންގުމުގެ ހޭދައަށް 392.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރު ހަރަދުވީ ވަރަށް ވުރެ 71 މިލިޔަން ރުފިޔާ މަދު އަދަދެކެވެ.
ސްޓެލްކޯއިން މިދިޔަ އަހަރު އާންމުކޮށް ކުރި ހަރަދުތައް ކުޑަވި ނަމަވެސް، ރިޓަޔަމެންޓް ބެނެފިޓަށް ކުރި ހޭދަ ވަނީ 300 ޕަސެންޓް އިތުރުވެފަ އެވެ. އެ ކުންފުނިން ރިޓަޔަކުރި މީހުންނަށް ދިން އިނާޔަތްތަކަށް މިދިޔަ އަހަރު 20 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ކުރީ އަހަރު އެކަމަށް ހޭދަވީ 5 މިލިޔަން ރުފިޔާ އެވެ.




