ރައީސް މުއިއްޒު އަދި ޒީނާޒު އަދުނާން
ކުރީގެ ވަޒީރު އާދަމްޝަރީފްގެ އަނބިކަނބަލުންނަށް ސްޓޭޓް މިނިސްޓަރުކަންދީފި
ޒީނާޒު ޕީއެންސީގެ އެސްޖީގެ މަގާމުން ވަކިކުރީ އެޕާޓީއަށް މެންބަރުން އިތުރުކުރުމަށް ވަގުފޯމުތަކެއް ހުށަހެޅި މައްސަލަ ހޫނުވެގެން ދިޔަ ދަނޑިވަޅުގައި
ޖުނާން އަޙުމަދު 14 ޖޫން 2026 (އާދީއްތަ)   09:46
މިސަރުކާރުގެ ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ވަޒީރުކަމުގައި ކުރިން ހުންނެވި އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާނަށް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި ކަމަށް ފިޔެސްއަށް މައުލޫމާތު ލިބިއްޖެއެވެ.

ޒީނާޒު އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، އެ މިނިސްޓްރީގެ މިނިސްޓަރުކަމުގައި ހުންނެވި ގީލާ އަލީގެ އިތުރުން، ޖުމްލަ 11 ސްޓޭޓް މިނިސްޓަރުންނާއި 12 ޑެޕިއުޓީ މިނިސްޓަރުން ތިއްބިކަމަށް ކުރިން މައުލޫމާތު ލިބިފައި ވެއެވެ.

އަދި އެ މިނިސްޓްރީގައި ތިބި ޕޮލިޓިކަލް ޑައިރެކްޓަރުންގެ އަދަދު ވެސް އެ މިނިސްޓްރީގެ ވެބްސައިޓުގައި ހާމަކޮށްފައި ނުވާއިރު، ރައީސް އޮފީހުން ނުވަތަ ސަރުކާރުގެ އެހެންވެސް ފަރާތަކުން ހާމަކޮށްފައި ނުވާކަން ފާހަގަކޖޮށްލެވެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފައިވާ ޒީނާޒުގެ ފަރާތުން މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޒީނާޒު ވަކިކޮށްފައިވަނީ، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހުށަހެޅި ފޯމުތަކެއްގެ ތެރޭގައި ވަގު ފޯމުތަކެއް ހުރުމުން އެމައްސަލަ ވަރަށްބޮޑަށް ހޫނުވެފައި ވަނިކޮށެވެ.

އަދި ދާދިފަހުން ރައީސް މުއިއްޒު، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ވަޒީރު އާދަމް ޝަރީފު އިސްތިއުފާ ދެއްވި އެވެ. އެހެން ނަމަވެސް އެއަށްފަހު މަސްދުވަަސް ފަހުން ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖުގެ މަގާމަށް، ރައީސް މުއިއްޒު ވަނީ އޭނާ އައްޔަން ކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް