
ރައީސް މުއިއްޒު، މިމޭރުމުން ވާހަކަ ދެއްކެވީ ދ.މީދޫ ކައުންސިލް ރައީސް އިންތިހާބުގެ ވޯޓު އެއްވަރުވެގެން އަލުން ވޯޓުލައިގެން އެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވުމުން، އެކަމުގެ އުފާފާޅުކުރަން ބޭއްވި ޖަލްސާގައެވެ.
މުއިއްޒުގެ އަނބިކަނބަލުން ސާޖިދާގެ މައިފުށާ ގުޅިފައިވާ ދ.މީދޫގައި ރޭ ބޭއްވި އެ ޖަލްސާގައި މުއިއްޒުގެ ޖުމްލަ ވާހަކަ ބިނާކުރެއްވީ ޕީއެންސީއަކީ ބިނާކުރަނިވި ފިކުރު ކަމަށް ވިދާޅުވެ، އެމްޑީޕީގެ ފިކުރަކީ ރާއްޖެއަށް ގެއްލުންދޭ ފަނާކުރަނިވި ފިކުރެއް ކަމަށް ވިދާޅުވެއެވެ.
"ރައްޔިތުން އިހުތިޔާރު ކުރަން އޮތީ ދެ ރާސްތާއެއް. ކާމިޔާބީގެ ރާސްތާތޯ ގެއްލުމާއި ހަލާކުގެ ރާސްތާތޯ. ގެއްލުމާއި ހަލާކުގެ ރާސްތާ ހިޔާރުކުރި ކޮންމެ ފަހަރަކު ކަން ހިނގައިދިޔަ ގޮތް އަޅުގަނޑު މި ދެންނެވީ. އަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ މި ދެންނެވި ފަނާކުރަނިވި ފިކުރުން ކަން ކުރި ގޮތެއް ނޫންތޯ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެވަނަ ސަރުކާރާއެކީ އަރަބި އިސްލާމީ ތައުލީމު ނައްތާލައި،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޕީއެންސީ ވެގެން ގޮސްފައި މިވަނީ ރައްޔިތުން އެންމެ އިތުބާރުކުރާ ޕާޓީއަށްކަމަށާއި، އޭގެ ސަބަބުން މިހާތަނަށް ބޭއްވި ގިނަ އިންތިހާބުތައް އެޕާޓީއަށް ކާމިޔާބުވެފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަށް ކާމިޔާބީތައް ލިބޭ އެންމެ ބޮޑު ސަބަބަކީ ގައުމާއި ދީން އިސްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުންކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާވެފައިވަނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް މީގެކުރިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަންކަން ހިނގާފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
"ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް މީގެކުރިން ކަންކަން ގޮސްފައިވޭ. މިދިޔަ ސަރުކާރުގައި ގާނޫނުއަސާސީއާ ގާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ވަނީ ދޫކޮށްލާފައި" މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރި ކަމަށާއި އެމްޑީޕީން އިޒްރޭލާ ގުޅުން ބަދަހިކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެމްޑީޕީން ހާރިޖީ ސިޔާސަތުގައި ވަކި ގައުމަކަށް އޮތީ އަޅުވެތިވެފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. ވަކި ގައުމެއްގެ ނަން މުއިއްޒު ވިދާޅުވި ނަމަވެސް އެއީ މިހާރު މުއިއްޒު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާ އެވެ.
"ޑްރަގާއި ވޭޕާއި މި ބާވަތުގެ ހުރިހާ އެއްޗެއް އާންމުކުރުމުގެ ސިޔާސަތު ނޫންތޯ. އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު ވޭޕާއި ޑްރަގު އޮތީ އިންތިހާއަށް ފެތުރިފައި، އާންމުވެފައި. ބިނާކުރަނިވި ފިކުރުން ކަންކަން ތަންފީޒު ކުރަމުން އަންނަނި އެހެނެއް ނޫންތޯ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ސްޕީޗުގައި ދަރަނި ދެއްކުމާ ގުޅޭ ގޮތުންވެސް ވަރަށް ތަފުސީލުކޮށް ވާހަކަ ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ދެއްކިފާފައިވަނީ 953 މިލިޔަން ޑޮލަރުކަމަށާއި މި ސަރުކާރުން 2 އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިޔަން ޑޮލަރު ދައްކަފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުން 5 އަހަރުގެ ތެރޭގައި ދައްކާފައިވަނީ 418.18 މިލިޔަން ޑޮލަރުކަންވެސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ ދެ ސަރުކާރުންވެސް ނުދައްކާ މިންވަރަށް އަދުގެ ސަރުކާރުގެ 2 އަހަރާއި ބައިގެ ތެރޭގައި ދައްކާފައިވާ ދަރަނި އިތުރުކަމަށް މުއިއްޒު ވިދާޅުވިއެވެ.




