ޕީސީބީގެ ބޯޑުގެ މެންބަރު ކަމަށް ޒައިނާ އައްޔަނުކޮށްފި
މަރްޔަމް މުޙައްމަދު 24 ޖޫން 2026 (ބުދަ)   10:50
ޕީ.ސީ.ބީ (ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު) ގެ މެންބަރު ކަމަށް ޒައިނާ އަބްދުﷲ އައްޔަނުކޮށްފިއެވެ.

ޕީސީބީ އަކީ ދިވެހި ދައުލަތުގެ ކުންފުނިތައް ހިންގާ ގޮތް މޮނިޓަކޮށް، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަންކުރުމާއި، ކުންފުނިތަކުގެ ލަނޑުދަނޑިތައް ހާސިލުވާކަން ކަށަވަރުކުރާ ސަރުކާރުގެ މައި އިދާރާއެކެވެ.

އެމްއައިބީ (މޯލްޑިވްސް އިސްލާމިކް ބޭންކް) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގައި ހުންނެވި ޒައިނާ ޕީބީސީގެ ބޯޑު މެމްބަރުކަމަށް އަޔްނަކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޒައިނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމަކީ އެމްއައިބީ ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިން އެވެ.

މި މަގާމުގައި އޭނާ އިސްކޮށް ބަލަހައްޓަވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިން އޮޕަރޭޝަންތަކާއި، ކްރެޑިޓް އިވެލުއޭޝަން، ފައިނޭންސިން ލިޔެކިޔުންތަކާއި ހުއްދަތައް ދިނުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި މަޝްރޫޢުތަކަށް ދޫކުރެވޭ ފައިނޭންސިން އާ ގުޅޭ އެންމެހައި ކަންކަމެވެ.

އެމްއައިބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ވެސް، ޕީސީބީގެ ސީނިއަ އޮފިސަރެއްގެ މަގާމު ޒައިނާ ފުރުއްވާފައި ވާއިރު، އެ މުއްދަތުގައި އޭނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.

މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓަ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާ، އަދި އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭ އިން ބެޗްލަ އޮފް ކޮމާސް ހާސިލުކުރައްވާފައިވާ ޒައިނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިން، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވާނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ.

ކޮމެންޓް