
މިމަހުގެ 12 ވަނަ ދުވަހު އޮތް އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ރައީސް ނަޝީދު އިއްޔެވަނީ އެމްޑީޕީ އޮފީހަށް ވަޑައިގެން އެ އޮފީހުގެ އިދާރީ މުވައްޒަފުންނާ ބައްދަލު ކުރައްވައި، ޕާޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވައިފައެވެ.
މިއަދު ރަސްމީކޮށް އޮފީހަށް ނުކުންނަވައި ޕާޓީގެ ލީޑާޝިފްގެ ބޭފުޅުންނާއެކު ވަކިވަކިން ބައްދަލުވުންތައް ކުރިއަށް އެބަ ގެންދަވައެވެ.
ނަޝީދު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އާއި ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި ނިމިދިޔަ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހިމެނެއެވެ.
އެމްޑީޕީ ލީގަލް ޓީމުގެ ބޭފުޅުންނާއެކުވެސް ނަޝީދު ވަނީ މިއަދު ބައްދަލުވުމެއް ބާއްވަވައި މައުލޫމާތު ސާފުކުރައްވާފަ އެވެ.
މީގެއިތުރުންވެސް އެމްޑީޕީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ނަޝީދު މިފަހަރު ޗެއާޕާސަން ކަމަށް ހޮވުމަށްފަހު ބާއްވާ އެމްޑީޕީގެ ފުރަތަމަ ގައުމީ މަޖިލިސް ޖަލްސާ މާދަމާރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ކުރިންވެސް ފުރުއްވި ނަޝީދު، މިފަހަރު ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވީ ވާދަވެރި ކެމްޕޭނަކަށްފަހު 68.9 ޕަސެންޓުންނެވެ. އެއީ ވޯޓުލާން ނުކުތް 30،895 މީހުންގެ ތެރެއިން 21،301 މީހުންގެ ވޯޓެވެ. ނަޝީދާ ވާދަކުރެއްވި މީކާއީލްއަށް 9،462 ވޯޓާއެކު ލިބިވަޑައިގަތީ 30 ޕަސެންޓެވެ.




