
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން އިއްޔެ އިއުލާން ކުރެއްވިފަހުން، ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދެއްވީމަ އާ އިންތިހާބެއް ކުރިމަތި ނުވާކަމަށެވެ.
"ބޮޑުވަޒީރަކީ އެންމެ ގިނަ މަޖިލިސް ގޮނޑި ކާމިޔާބުކުރާ ޕާޓީގެ ލީޑަރު. 5 އަހަރުގެ ދައުރަކަށް ސަރުކާރު ހިންގާން ލިބިފައި އޮންނަނީ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަށް. ޕާޓީ ލީޑަރ އިސްތިއުފާ ދެއްވީމަ ނުވަތަ ޕާޓީ މެންބަރުން ޕާޓީ ލީޑަރ ވަކި ކުރީމަ ދެން ސަރުކާރުގެ ވެރިޔަކަށް ވަނީ ޕާޓީއިން ހޮވާ ލީޑަރު. ޕާޓީ ލީޑަރަކަށް މި ވެވެނީ މަޖިލިސް މެންބަރަކަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި ކަންހިނގާ ގޮތުގެ މިސާލު ދައްކަވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާންމު ކުރައްވާފައިވާ، ރާއްޖެއަށް ގެންނަން ބޭނުންވާ "ބޮޑު ބަދަލު"ގެ އެންމެ ބޮޑު ތަފާތަކީ ސަރުކާރުގެ ވެރިޔާ މުޅި ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރަން ޖެހުންކަމަށެވެ.
"ބޮޑު ބަދަލުގައި ހުށަހަޅާފައިވާ އެއް އަސާސީ ސިފައަކީ، ސަރުކާރުގެ ވެރިޔާ މުޅި ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރަން ޖެހުން." ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު މިފަދައިން ޕޯސްޓުކުރައްވާފައި މިވަނީ "ބޮޑު ބަދަލު" ގެ ނަމުގައި އާންމުކުރައްވާފައި ކަރުދާހަކީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ކުރާ މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާތީ އެވާހަކަ އަށް ދެއްވި ރައްދެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.
މިމަހުގެ 12 ވަނަ ދުވަހު އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު، ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ރައީސް ނަޝީދު ކާމިޔާބު ކުރެއްވިއިރު، އެ ކެމްޕޭން ކުރިއަށް ގެންދިޔައީ "ބޮޑު ބަދަލު"ގެ ނަމުގައެވެ.




