ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު.--
ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލާކަށް ނޫޅެން: ރައީސް ނަޝީދު
ޖުނާން އަޙުމަދު 18 ޖޫން 2026 (ބުރާސްފަތި)   00:28
މަގުމަތީގެ އެއްވެސް ހަރަކާތެއްގެ ތެރެއިން ނުވަތަ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަސައްކަތެއް ނުކުރާކަމަށާއި، އެންމެ ގާތީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލެއްވުންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ބުދަ ދުވަހުގެރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން، ރައީސް ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި، ނަމަވެސް ސަރުކާރުގެ މިސްރާބު ހުރިގޮތުން އަމިއްލައަށް ވެއްޓުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒުގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި ސަރުކާރު ހިންގުމުގައި ގެންގުޅުއްވާ ސްޓްރެޓެޖީތަކަކީ ސިޔާސީ ގޮތުން ފުންކޮށް ވިސްނައިގެން ނިންމާ ނިންމުންތަކެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒު ދައުލަތް ހިންގަވަނީ ވަޒީރުންނާ ނުވަތަ ޕާޓީގެ އިސް ފަރާތްތަކާ މަޝްވަރާ ކުރެއްވުމެއްވެސް ނެތި ކަމަށެވެ.

"އަޅުގަނޑުވެސް މި ހަމަ މިރަށުގައި މި އުޅެނީ. އެހެންވީމަ ކަމެއް ހިނގައްޖެއްޔާ އަޅުގަނޑަށްވެސް އިނގޭނެ. ޕާޓީތެރޭ ބޭފުޅުންނަކާވެސް މަޝްވަރާއެއް ނުކުރައްވާ. އަދި ޕާޓީގެ ކުރީގެ ސިޔާސީ ވެރިންނަކާވެސް މަޝްވަރާއެއް ނުކުރައްވާ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

މިގޮތަށް މަޝްވަރާއެއް ނެތި ކަންކަން ކުރެއްވުމުގެ ސަބަބުން، ގައުމުގައި ކަންކަން ހިނގަމުންދާ ގޮތް ރައީސަށް އޮޅުންނުފިލާކަމަށާއި، އެކަމުގެ ސަބަބުން ރައީސް މުއިއްޒު ވަނީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެކަނިވެރިވެފައިކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މުއިއްޒަކީ ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން، ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ރައީސް މުއިއްޒު ކަންތައް ކުރެއްވި ގޮތަށް ފާޑުވިދާޅުވެފައެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރ ގައްސާން މައުމޫނާ މެދު އަމަލުކުރައްވަމުންދާ ގޮތުންވެސް އެ ބޭވަފާތެރިކަން އެނގިގެން ދާކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ.

ގައިރު ގާނޫނީ ގޮތެއްގައި ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކައަށް ރައީސް ނަޝީދު ވިދާޅުވީ، އެފަދަ އެއްވެސް ނިޔަތެއްގައި ހަރަކާތްތައް ކުރިޔަށް ނުގެންދާ ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒު ކަންބޮޑުވާންޖެހޭ ކަމަކީ، އެމަނިކުފާނުގެ އަމިއްލަ ނިންމުންތަކާއި އަމަލުތަކުގެ ސަބަބުން ސަރުކާރު އަމިއްލައަށް ވެއްޓިދާނެތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެނެއް ނޫޅެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލާކަށް. އެހެންނަމަވެސް އެބޭފުޅާ އަމިއްލަޔަށް ވެއްޓިވަޑައިގަތުމަކީ ވަރަށް ގާތް ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

މި އަހަރު ނިމުމުގެ ކުރިޔަށް ސަރުކާރު ބަދަލު ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވާކަމަށާއި އެ ބަހުގެ މާނައަކީ ކޮބައިތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތެރެއިން ވެސް އެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި މަގުބޫލުކަން ދަށްވުމުން ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް