އިރާންގެ ސުޕްރީމް ލީޑަރު މުޖުތަބާ ހާމަނާއި އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާާ އާއި އީރާން ސުލްހައިގެ އެއްބަސްވުމުގައި ހުކުރު ދުވަހު ސޮއިކުރަނީ
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް ޔޫރަޕްގެ ބޮޑު 4 ބާރުން ބުނެފި
ޖުނާން އަޙުމަދު 15 ޖޫން 2026 (ހޯމަ)   20:39
އެމެރިކާ އާއި އީރާންއާ ދެމެދު މިހާރު ސުލްހަވެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޕާކިސްތާނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ހާމަކޮށްފިއެވެ.

މީޑިއާތަކުން މިކަން ހާމަކުރަމުން އަންނިކޮށް ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ސޯޝަލްމީޑިއާގައި ވިދާޅުވެފައި ވަނީ، ސުލްހައިގެ އެއްބަސްވުމަކަށް ވާސިލުވެފައިވާ ކަމަށާ، ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ސްވިޒަލެންޑުގައި ބާއްވާނެ ކަމަށެވެ.

އަދި މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ، ،މި މަހުގެެ 19 ވާ ހުކުރު ދުވަހު ކަމަށް ވެސް ޕާކިސްތާންގެ ބޮޑު ވަޒީރު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، އީރާން އާއެކު އެއްބަސްވުމެއް ގާއިމު ކުރުމަށް ކުރަމުން އައި މަސައްކަތް ނިމިފައިވާ ކަމަށެާ، ހޮރްމޫޒް ކަނޑު އޮޅި ފުރިހަމަ އަށް ހުޅުވާލާނެ ކަމަށް ވެސް އެމެރިކާގެ ރައީސް ޓްރަމްޕް މިހާރު ވަނީ ވިދާޅުވެފައެވެ.

އަދި، އެ ކަނޑު އޮޅީގައި އެމެރިކާ އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ވެސް އުވާލާނެ ކަމަށާ، ހޮރްމޫޒް ކަނޑު އޮޅިން ބޯޓު ތަކަށް ފުރިހަމަ އަށް ދަތުރު ކުރެވި، ތެލުގެ ދަތުރުތައް ވެސް އެ ކަނޑު އޮޅިން ކުރެވެމުންދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާ އާއެކު އެއްބަސްވުމަކަށް އައިސް، ހަނގުރާމަ ނިމިފައިވާ ކަމަށް އީރާން އިން ވެސް ހާމަ ކޮށްފައި ވާއިރު، އީރާންގެ ފޮރިން މިނިސްޓްރީގެ ނައިބު ވިދާޅުވީ، ލުބުނާން ހިމެނޭހެން ހުރިހާ ހަނގުރާމަ ތަކެއް ދާއިމީ ގޮތެއްގައި ވަގުތުން ހުއްޓުމަކަށް ގެނައުމަށް އިއުލާާން ކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ހިމެނޭ 14 ނުކުތާ އަދި ހާމަވެފައި ނުވިނަމަވެސް މިހާތަނަށް ފެތުރެމުން އަންނަ މައުލޫމާތަކަށް ބަލާއިރު މި އެއްބަސްވުން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އެމެރިކާއާއި އީރާން އާ ދެމެދު ބަދަލުކުރަމުން ގެންދާ ހަމަލާތަކާއި ހަނގުރާމަ (އިސްރާއީލު ލުބްނާނަށް ދޭ ހަމަލާތައްވެސް ހިމެނޭގޮތަށް) ދާއިމީ ގޮތަކަށް ހުއްޓާލުމަށާއި އެމެރިކާ އީރާންގެ ބަނދަރުތައް ހިސާރުކުރުން ހުއްޓާލުމަށާ، އީރާނުން ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގެ މައްޗަށެވެ.

އަދި މީގެއިތުރުން އެ އެއްބަސްވުމުގައި ހިމެނެނީ އީރާނުގެ ތެލާއި ގޭސް އެކްސްޕޯޓް ކުރުމާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިޔަން ޑޮލަރެއްގެ ތެރެއިން ބައެއް އީރާނަށް ދިނުމަށެވެ.

އީރާން އާއި އެމެރިކާ އާ ދެމެދުގައިވާ އެންމެ ހައްސާސް އަދި އެންމެ ބޮޑު މައްސަލަ ކަމަށްވާ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ މައްސަލަ އޮތީ މިއެއްބަސްވުމަށްފަހު އެކަމާމެދު އިތުރަށް ވާހަކަ ދައްކައިގެން 60 ދުވަހުގެ ތެރޭގައި ހައްލުކުރުމަށް ފަސްކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި ހައްލުނުކުރެވިއްޖެނަމަ މިކަމަށް އިތުރު މުއްދަތު ދޭ ގޮތަށެވެ.

ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި އީރާނުން އެއްބަސްވި މި އެއްބަސްވުމަށް ތާއީދު ކުރުމުގެ ގޮތުން، އީރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގަސްދުކުރާކަން ޔޫރަޕްގެ އެންމެ ބޮޑު ހަތަރު ބާރުން މިހާރު ހާމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޖަރުމަނު، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި އިޓަލީން މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައިވަނީ، ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށާއި ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށާއި ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އީރާން އާއި އެމެރިކާ ވީ އެއްބަސްވުމަށް ތާއީދުކުރުމުގެ ގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެ ގައުމުތަކުން ގަސްދުކުރާ ކަމަށެވެ.

މިއާއެކު އީރާނުގެ ތެލާއި ގޭސް ގަތުމަށާއި އީރާން އާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާނެކަމަށް އެ ބަޔާން ބުނެއެވެ.

ކޮމެންޓް