މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ސޮއިކުރައްވައިފި އެވެ.
އިރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް 'ޑައިލޫޓްކޮށް' ބާރު ދަށްކުރުމަށާއި އެކަމުގެ ބަދަލުގައި އެގައުމަށް އިގްތިސާދީ ބޮޑެތި ލުއިތަކެއް ދިނުމަށް މި އެއްބަސްވުމުގައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޓްރަމްޕް މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖީ7 ސަމިޓަށް ފަހު ފްރާންސްގެ ޕެލަސް އޮފް ވާސައިގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާ އެކު ބޭއްވި ފަރިއްކޮޅެއްގެ ތެރޭގައެވެ.
ގަނޑުވަރުން ނިކުމެވަޑައިގެން ރިޔާސީ މޮޓޯކޭޑަށް އަރާވަޑައިގަތުމުގެ ކުރިން އެ އެއްބަސްވުމާ ބެހޭގޮތުން ސުވާލު ކުރުމުން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، "އެއޮތީ ސޮއިކޮށްފައި. ވާސައިގައި ސޮއިކުރީ. ދެންމެ ސޮއިކޮށްލީ،" ކަމަށެވެ.
ޓްރަމްޕްގެ މި ބަޔާން އައިސްފައިވަނީ، ދެ ގައުމުގެ ރައީސުން އެއްބަސްވުމުގައި ސޮއިކުރެއްވުމާ ގުޅިގެން، އެމެރިކާއާއެކު ވެފައިވާ 14 ނުކުތާގެ އެމްއޯޔޫ ރަސްމީކޮށް ފައިނަލްވެފައިވާ ކަމަށް އީރާނުން ބުނުމަށްފަހުގައެވެ.
އީރާނުގެ ސެމީ އޮފިޝަލް މެހެރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ބުރާސްފަތި ދުވަހުގެ ކުރީކޮޅު ވިދާޅުވީ، ތެހެރާނާއި ވޮޝިންޓަނުން ސޮއިކުރުމާ ގުޅިގެން "އިސްލާމްއާބާދު މެމޮރެންޑަމް" ފުރިހަމައަށް ރަސްމީވެފައިވާ ކަމަށެވެ.
ބަގާއީ ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރާނީ ޑިޖިޓަލްކޮށް ކަމަށާއި، މި މެމޮރެންޑަމްގެ ދަށުން ކުރިއަށްދާ މަޝްވަރާތައް ހާއްސަވާނީ ހަމައެކަނި ނިއުކްލިއާ މައްސަލަތަކަށާއި ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއި ހޯދުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ދެ ފަރާތުން 60 ދުވަހާ ހަމައަށް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި، މައްސަލަތަކުގެ ނާޒުކުކަމުން ބޭނުންވެއްޖެ ނަމަ މަޝްވަރާތައް އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ބައިރޫތުގެ ދެކުނު ސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކާއި އީރާނުން ބަދަލުހިފާނެ ކަމުގެ އިންޒާރުތަކާ ގުޅިގެން ކުރެވުނު ކުއްލި މަޝްވަރާތަކަށްފަހު، ކަނޑުގެ މަގުން އަޅާފައިވާ ބްލޮކޭޑް ނުވަތަ ބަންދު އުވާލުމަށް އެމެރިކާއިން ވެފައިވާ އިގުރާރުތަކަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އީރާނާއި އެމެރިކާއިން ވަނީ މި އެއްބަސްވުން މިހާރު ހާމަކޮށްފައެވެ.
ތިރީގައި އެ ވަނީ ހަނގުރާމަ ހުއްޓާލައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އެކުލަވާލާފައިވާ މުހިންމު މަގުޗާޓުގެ ނުކުތާތަކެވެ؛
- ހަނގުރާމަ ވަގުތުން ހުއްޓާލުން: އެމެރިކާ، އީރާން އަދި މި ހަނގުރާމައިގައި ބައިވެރިވާ އެމީހުންގެ ބައިވެރިން (ލުބުނާން ހިމެނޭގޮތަށް) ހުރިހާ ފްރަންޓެއްގައި އަސްކަރީ ހަރަކާތްތައް ވަގުތުން، ދާއިމީ ގޮތަކަށް ހުއްޓާލުން.
- މިނިވަންކަމަށް އިހުތިރާމްކުރުން: ދެގައުމުގެ ސިޔާދަތީ މިނިވަންކަމަށާއި ސަރަހައްދީ ރައްކާތެރިކަމަށް އިހުތިރާމްކުރުމާއި، އެއްގައުމުން އަނެއްގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުން.
- ދާއިމީ އެއްބަސްވުމަކަށް 60 ދުވަސް: މި ވަގުތީ އެއްބަސްވުން ދާއިމީ އެއްބަސްވުމަކަށް ބަދަލުކުރުމަށްޓަކައި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ރަސްމީ މަޝްވަރާތައް ބޭއްވުން.
- ކަނޑުގެ ބަންދު އުވާލުން: އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ހިސާރު ވަގުތުން އުވާލަން ފެށުމާއި، 30 ދުވަހުގެ ތެރޭގައި އެއްކޮށް ދޫކޮށްލުން. އަދި ދާއިމީ އެއްބަސްވުމަށްފަހު 30 ދުވަހުގެ ތެރޭގައި، އީރާން ކައިރީގައިވާ ސަރަހައްދުތަކުން އެމެރިކާ ސިފައިން ފޭބުން.
- ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުން: ކުރިއަށް އޮތް 60 ދުވަހަށް ޕާޝިއަން ގަލްފުން ފެށިގެން ސީ އޮފް އޮމާންއާ ދެމެދު ވިޔަފާރި އުޅަނދުތަކަށް އެއްވެސް ފީއަކާ ނުލައި ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމް އީރާނުން ހަމަޖެއްސުން. އަދި އޮމާންއާ ގުޅިގެން ކަނޑުއޮޅި ބެލެހެއްޓުމުގެ މަޝްވަރާތައް ކުރުން.
- 300 ބިލިއަން ޑޮލަރުގެ އެހީގެ ފަންޑު: އީރާން އަލުން ބިނާކުރުމަށާއި އިގްތިސާދީ ކުރިއެރުމަށްޓަކައި އެމެރިކާ އާއި ސަރަހައްދީ ބައިވެރިން ގުޅިގެން މަދުވެގެން 300 ބިލިއަން އެމެރިކާ ޑޮލަރުގެ ޕްލޭނެއް އެކުލަވާލުން.
- ނިއުކްލިއާ ހަތިޔާރު ނުއުފެއްދުން: އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުން.
- ޔުރޭނިއަމް ރައްކާކޮށްފައި ހުރި މިންވަރު: އީރާނުގައި މިހާރު މުއްސަނދިކޮށްފައި ހުރި ޔުރޭނިއަމްގެ މިންވަރު ދަށްކުރުމާއި (ޑައިލޫޓްކޮށް، ބާރު ދަށްކުރުން) ނިއުކްލިއާ މައްސަލަތަކަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން ހައްލު ހޯދުން.
- މިހާރުގެ ހާލަތު ދެމެހެއްޓުން: ދާއިމީ އެއްބަސްވުމަކަށް ދިއުމާ ހަމައަށް އީރާނުގެ ނިއުކްލިއާ މަޝްރޫއު އިތުރަށް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުން، އަދި އެމެރިކާއިން ދަތިކުރުމުގެ އާ ފިޔަވަޅުތައް ނޭޅުމާއި ސަރަހައްދަށް އިތުރު ސިފައިން ނުފޮނުވުން.
- ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ: އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން، އީރާނުގެ ތެލާއި ޕެޓްރޯކެމިކަލް ސާމާނު ބޭރު ކުރުމަށް އެމެރިކާގެ ޓްރެޒަރީން ހުއްދަ ދޫކުރުން.
- ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުން: މަޝްވަރާތައް ކުރިއަށްދާ ވަރަކަށް، ދުނިޔޭގެ އެކި ގައުމުތަކުގައި ފްރީޒްކޮށްފައި (ހިފަހައްޓާފައި) ހުރި އީރާނުގެ ފައިސާ އާއި މުދާ ދޫކޮށްލުން.
- ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން: އދ. ގެ ސަލާމަތީ މަޖިލީހާއި ނިއުކްލިއާ އިދާރާ (އައި.އޭ.އީ.އޭ) އަދި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ތާވަލެއްގެ ދަށުން ދާއިމީކޮށް އުވާލުން.
- ގައިދީން ބަދަލުކުރުން: ދެގައުމުގައި ހައްޔަރުކޮށްފައި ތިބި އެއްގައުމެއްގެ ބަޔަކު އަނެއް ގައުމުން މިނިވަންކުރުން.
- އދ. ގެ ސަލާމަތީ މަޖިލީހުގެ ތާއީދު: މި އެއްބަސްވުމުގެ ދަށުން އެކުލަވާލެވޭ ދާއިމީ އެއްބަސްވުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ބާރުދޭ، ގާނޫނީ ގޮތުން ދެ ފަރާތުން ވެސް އަމަލުކުރުން ލާޒިމް އެއްބަސްވުމަކަށް ހެދުން.