ފިނޭންސް މިނިސްޓްރީ ހިމެނޭ އޮފީސް އިމާރާތް: އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު ޖީއެސްޓީ އާމްދަނީ ވަނީ އިތުރުވެފައި.-
ޖީއެސްޓީ އާމްދަނީ 9 ޕަސެންޓް އިތުރުވެ، 8.6 ބިލިޔަން ރުފިޔާއަށް
މަރްޔަމް މުޙައްމަދު 21 ޖޫން 2026 (އާދީއްތަ)   10:54
ދައުލަތަށް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ، ފާއިތުވި އަހަރާ އަޅާބަލާއިރު 9 ޕަސެންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިހާތަނަށް 8.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރުގެ ބަޖެޓަށް ޖުމްލަ 40.4 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 19.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު 14.8 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ޖީއެސްޓީގެ ގޮތުގައި ވަނީ 708 މިލިޔަން ރުފިޔާ އިތުރަށް ލިބިފައެވެ.

ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީގެ ގޮތުގައި 6.02 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، އާންމު ވިޔަފާރިތަކުން ނަގާ ޖީޖީއެސްޓީގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރު ލިބުނު 2.2 ބިލިޔަން ރުފިޔާއާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ. ޓީޖީއެސްޓީގެ ރޭޓު 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމާ ގުޅިގެން، މިއަހަރު އެ ދާއިރާއިން އެކަނިވެސް 11.5 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މާޗް އަދި އޭޕްރިލް މަހު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު ދަށްވި ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި މެއި މަހުން ފެށިގެން އެ އަދަދުތައް އަންނަނީ އަލުން އިތުރުވަމުންނެވެ.

މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ދަތުރުފަތުރުގެ ދަތިތަކާ ހުރެ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުތައްވެސް ވަނީ އުފުލިފައެވެ.

ކޮމެންޓް