ސައުދީ ދިދައަށް އިހުތިރާމް ކުރުމުގެގޮތުން އަތުން ހިފަހައްޓައިގެން
ސައުދީ ދިދައަށް ހާއްސަ އިހުތިރާމެއް
ޖުނާން އަޙުމަދު 16 ޖޫން 2026 (އަންގާރަ)   21:36
ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅޭ، ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗުތައް ފެށިގެން ކުރިއަށްދާއިރު ރޭ ދަންވަރު ސައުދީ އަރަބިއްޔާ އާއި އުރުގުއޭގެ މެޗު ފެށުމުގެ ރަސްމިއްޔާތުގައި ސައުދީގެ ދިދައަށް ކޮށްފައިވާ އިހުތިރާމުގެ ސަބަބުން އެކަމަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ސަބަބަކީ މެޗު ފެށުމުގެ ރަސްމިއްޔާތުގައި އެ މެޗެއްކުޅޭ ދެ ގައުމުގެ ދިދަ ދަނޑުމަތީ، ވިނަގަނޑުމަތީގައި ބާއްވާފައި ވާއިރު، އެއާ ހިލާފަށް ރޭ ސައުދީ އަރަބިއާގެ ދިދަ ދަނޑުމަތީ ނުބާއްވާ ދިދައިގެ ވަށައިގެން އެތައްބަޔަކު ހިފަހައްޓައިގެން ތިބުމުންނެވެ.

ގައުމީ ދިދައަކީ، ކޮންމެ ގައުމެއްގައި ވެސް ހާއްސަ އަހަންމިއްޔަތުކަމެއް ދެވޭ އެއްޗަކަށް ވުމުން، އެ ދިދައަށް ހާއްސަ ގަވާއިދުތައް ވެސް ހަދާފައި ހުރެ އެވެ.

އެގޮތުން، ރަސްމީ ކަންކަމުގައި ބޭނުން ކުރާނެ ދިދަ އާއި އާންމު މުނާސަބަތުތަކުގައި ބޭނުންކުރާ ދިދަ ވެސް ވަރަށް ގިނަ ގައުމުތަކުގައި ތަފާތުކޮށްފައި ހުރެއެވެ.

އެގޮތުން، އެ ދިދަ ބޭނުން ކުރާން ޖެހޭ ގޮތާއި ދިދައާ ގުޅޭ ހާއްސަ ގަވާއިދުތައް ވެސް ގިނަ ގައުމުތަކަކުން ތަންފީޒު ކުރަމުންދާއިރު، ސައުދިއަރަބިއްޔާގެ ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ ހާއްސަ އުސޫލެއް ވެސް އެ ގައުމުގައި ޖަދާފައިއޮވެއެވެ.

ސައުދި އަރަބިއްޔާގެ ގައުމީ ދިދާގައި ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވުމުން އެއީ މުސްލިމުންގެ މެދުގައި ވަރަށް ހާއްސަ ކަމެއް ދެވިފައިވާ ދިދައަކަށް ވެފައިވަނީ، އެ ކަލިމައަކީ މުސްލިމުންގެ މެދުގައި، އެންމެ މާތް، އެންމެ މުގައްދަސް ކަލިމަ ކަމަށްވާތީ އެވެ.

އެހެން ކަމުން އެ ދިދަ ބިންމަތީގައި ނުވަތަ ވިނަގަނޑުގެ މަތީގައި ބޭއްވުމަކީ ވެސް ސައުދީގެ ގައުމީ ދިދަ ބޭނުން ކުރުމުގެ އުސޫލާ ހިލާފު ކަމަކަށް ވާއިރު، ރޭ ސައުދީގެ ގައުމީ ދިދަ ވިނަގަނޑުމަތީގައި ނުބާއްވާ އޭގެ ތަންކޮޅެއް މަތީގައި ހިފަހައްޓައިގެން ގެންގުޅެފައިވަނީ އެ ސަބަބަށްޓަކައެވެ.

މިގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވެސް ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން އުރުގުއޭގެ ދިދައާމެދުވެސް ރޭ އަަމަލުކޮށްފައިވަނީ އެފަދައިން ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް