
ސްޕެއިން އިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ރޭ ކުޅުނު މެޗް 4-0 އިން ސްޕެއިން ކާމިޔާބުކޮށްފައިވާއިރު އެ މެޗަކީ މި ވޯލްޑްކަޕްގައި ސްޕެއިން ކުޅުނު ދެވަނަ މެޗެވެ. އަދި އެ މެޗަކީ ޔަމާލް ފުރަތަމަ 11 ގައި ހިމެނުނު ފުރަތަމަ މެޗެވެ. އަނިޔާގެ މައްސަލައާހުރެ، މި މުބާރާތުގެ ފުރަތަމަ މެޗްގައި ސްޕެއިން އިން ކޭޕް ވާޑެއާ ދެކޮޅަށް ކުޅުނު މެޗްގައި ޔަމާލް ކުޅެން އެރުވީ ފަހު ފަނަރަވަރަކަށް މިނެޓަށެވެ. އެ މެޗް ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ.
އުމުރުން 18 އަހަރުގެ ޔަމާލް ރޭގެ މެޗްގެ 10 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިންއިރު، މި ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ލަނޑު ޖެހި އަށްވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
މިވަގުތު ދުނިޔޭގައިހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު އެއްބަސްވާ އާޖެންޓީނާގެ ލިއޮނަލް މެސީ ވޯލްޑްކަޕްގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ އުމުރުން 18 އަހަރާއި 357 ވަނަ ދުވަހު އެވެ. ޔަމާލް ލަނޑު ޖަހާފައި މިވަނީ 18 އަހަރާއި 343 ވަނަ ދުވަހު އެވެ. އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު ޔަމާލަށް 19 އަހަރު ފުރޭނެއެވެ.
މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ، އާލިންގް ހާލަންޑް އަދި ހެރީ ކޭން ފަދަ ކުޅުންތެރިން ފާހަގަކޮށްލެވޭ ފެށުމެއް ހޯދާފައިވާއިރު، ޔަމާލް ޖެހި މި ލަނޑާއެކު އޭނާވެސް މިވަނީ އެ ލިސްޓްގައި ހިމެނިފައެވެ.
"ވޯލްޑް ކަޕެއްގައި ކުޅުމަކީ އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް. އަދި ފުރަތަމަ ފަހަރަށް މެޗް ފެށިގެން ކުޅުނު މެޗުގައި ލަނޑެއް ޖެހުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" މެޗަށްފަހު ދިން އިންޓަވިޔު އެއްގައި ޔަމާލް ބުންޏެވެ. "މިދިޔަ ވޯލްޑް ކަޕް އަހަރެން ބެލީ ކްލާސްރޫމެއްގެ ތެރޭގައި ހުރެގެން. އެހެންކަމުން މިއަދު އަހަރެންގެ މަންމައާއި އާއިލާގެ ކުރިމަތީގައި ދަނޑުގައި ހުރެގެން މިގޮތަށް ލަނޑު ޖެހުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމެއް."
ސްޕެއިންގެ ސަޕޯޓަރުންނާއެކު ފުރި ބާރުވެފައި އޮތް އެޓްލާންޓާ ސްޓޭޑިއަމްގައި، މެޗުގެ ކުރިން ވޯމްއަޕްއަށް ޔަމާލް ދަނޑަށް ނިކުތް ތަން ފެނުމުންވެސް ސަޕޯޓަރުންގެ ހަޅޭކުގެ އަޑު ގުގުމާލިއެވެ. އަދި އޭނާ ޖެހި ލަނޑު ފާހަގަކުރުމަށް ކަކޫ މައްޗަށް ތިރިވެ، ދުޢާކޮށް، ސަޖިދައަށް ދިޔައިރު ސަޕޯޓަރުންގެ އުފާވެރިކަމުގެ އަޑުން މުޅި މާހައުލު އޮތީ ގުގުމާލާފައެވެ.
ޔަމާލްގެ ތާރީޚީ ލަނޑާއެކު އޭނާ ސަޖިދަ ކުރިކަން ވަރަށް ގިނަ މީޑިއާތަކުގައާއި ސޯޝަލްމީޑިއާގައި ވަނީ ފާހަގަކޮށްފައެވެ.
ސްޕެއިންގެ ބާސެލޯނާގެ އަވަށަކަށް އުފަންވި ޔަމާލްގެ ބައްޕައަކީ މޮރޮކޯގެ ރައްޔިތެކެވެ. މަންމައަކީ އިކުއެޓޯރިއަލް ގިނީގެ ރައްޔިތެކެވެ. ޔަމާލްއަކީ އަމަލީ ގޮތުން އިސްލާމްދީނުގެ ކަންކަމަށް ބޯލަނބާ މުސްލިމެކެވެ. އޭނާއަކީ ޕްރޮފެޝަނަލް ފުޓްބޯޅައިގެ ބުރަ ޝެޑިއުލްތަކުގެ ތެރެއިންވެސް ރަމަޟާން މަހުގެ ރޯދަ ހިފާ ކުޅުންތެރިއެކެވެ. މެޗުތައް ފެށުމުގެ ކުރިން އޭނާ ދަނޑުމަތީގައި ކުރު ދުޢާއެއް ކުރާ މަންޒަރު ގިނަ ފަހަރު ފެނެއެވެ. އޭނާ ބުނެފައިވާ ގޮތުގައި މެޗު ފެށުމުގެ ކުރިން އޭނާ ސޫރަތުލް ފާތިޙާ ކިޔަވައެވެ. އޭނާއަކީ މުސްލިމެއްކަން ހާމަކޮށް، އަމިއްލަ ދީނީ އައިޑެންޓިޓީއާ މެދު ފަޚުރުވެރިވާ ކަމަށް އޭނާ މީޑިއާތަކުގައި ހާމަކޮށްފައިވެއެވެ.
ދުނިޔޭގެ މަޝްހޫރު ކްލަބް ބާސެލޯނާގެވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޔަމާލް އަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފެށިއިރު އުމުރުން އެންމެ 16 އަހަރު ނަމަވެސް، 2024 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ސްޕެއިންއަށް ހޯދައިދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށްފަހު ފުޓްބޯޅައިގެ އެންމެ ބޮޑު ތަރިއަށް ވާނީ އޭނާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.




