ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗްގަލް ކުޅުނު ފުރަތަމަ މެޗު އެއްވަރުވުމުން ފާޑުކިޔުންތައް ވަނީ އަމާޒުވެފައި.--
ޕޯޗްގަލް މެޗު އެއްވަރުވުމުން ރޮނާލްޑޯގެ މެސެޖެއް
އަބްދުﷲ އިބްރާހީމް 18 ޖޫން 2026 (ބުރާސްފަތި)   08:53
ވޯލްޑް ކަޕްގެ ފާއިތުވި ދުވަސްތަކުގައި ބޮޑެތި ތަރިންގެ ކުޅުން ފެނިގެން ގޮސްފައިވާއިރު، ފްރާންސްގެ ކީލިއަން އެމްބާޕޭ، ނޯވޭގެ އާލިން ހާލަންޑް އަދި އާޖެންޓީނާގެ ލިއޮނަލް މެސީ ވަނީ ވަރުގަދަ ފެށުމެއް ދައްކާފައެވެ.

އެމްބާޕޭ އާއި ހާލަންޑް ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހައިގެން އެމީހުންގެ ޓީމުތައް މޮޅުކޮށްދިންއިރު، އަލްޖީރިއާ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ވަނީ ހެޓްރިކެއް ހަދައި އެއަށްވުރެ ކުރިއަށް ޖެހިލާފައެވެ.

ބުދަ ދުވަހުގެ މެންދުރުފަހު، ފްލޮރިޑާގެ މިއާމީގައި ކޮންގޯ ޑީއާރުއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހުނަރު ދައްކާލަން ފުރުސަތު ލިބުނެވެ.

ނަމަވެސް، އެމްބާޕޭ، ހާލަންޑް ނުވަތަ މެސީ ފަދަ ތަރިންނާ އެއްވަރަށް ރޮނާލްޑޯއަށް މި މެޗުގައި ލަނޑެއް ނުޖެހުނެވެ. މެޗުގެ ހަވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ލަނޑު ކާމިޔާބުކޮށް، ޕޯޗުގަލްއަށް 1-0 ގެ ލީޑެއް ހޯދައިދިނީ މިޑްފީލްޑަރު ޔޮއާއޯ ނެވޭސް އެވެ.

އެހެންނަމަވެސް، ކޮންގޯ ޑީއާރުން ވަނީ ވޯލްޑް ކަޕްގައި އެ ގައުމުގެ ފުރަތަމަ ލަނޑު ޖަހައި ތާރީޚުގެ ތެރެއަށް ވަދެ، މެޗުގެ ނަތީޖާ 1-1 އިން އެއްވަރުކޮށްފައެވެ. ޕޯޗުގަލްއަށް އެ ނަތީޖާ ބަދަލުނުކުރެވުމުން، ގްރޫޕް ކޭގެ ފުރަތަމަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި މާޔޫސީ ނަތީޖާއަށްފަހު، ރޮނާލްޑޯ ވަނީ މިއަހަރުގެ މުބާރާތުގައި ކުރިއަށް ހުރި ކަންކަމާ މެދު އޭނާގެ ޚިޔާލު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

"މިއީ އަހަރެމެން ބޭނުންވި ފެށުމެއް ނޫން، އެކަމަކު މިއީ އަދި ނިމުމެއް ނޫން. އިސްއުފުލާލައި، ދެން އޮތް މެޗަށް ސަމާލުކަން ދޭންވީ،" ރޮނާލްޑޯގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ޕޯސްޓް ކޮށްފައިވާ މެސެޖުގައިވެއެވެ.

މި މެސެޖާއެކު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯއަށް ސަޕޯޓަރުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ކޮމެންޓް ކުރި ބައެއް މީހުން ބުނެފައިވަނީ، "މިހާރު ރިޓަޔާ ކުރަން މާ ރަނގަޅުވާނެ،" "ކުޅިވަރު ކަލޭ ދޫކޮށްލުމުގެ ކުރިން ކަލޭ ކުޅިވަރު ދޫކޮށްލާ،" އަދި "މިހާރު އެންމެ މޮޅު ކުޅުންތެރިއަކީ (GOAT) ކާކުކަން އެނގިއްޖެ،" މިފަދަ އިބާރާތްތަކެވެ.

2006 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕްގައި ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ މިހާތަނަށް 8 ލަނޑު ޖަހައި 2 އެސިސްޓް ދީފައެވެ. ނަމަވެސް، އޭނާއަށް އަދި ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިފައި ނުވާއިރު، އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑާވެސް އޭނާ ހުރީ ވަރަށް ދުރުގައެވެ. އަނެއްކޮޅުން މެސީ ހެދި ހެޓްރިކާއެކު އޭނާ ވަނީ އެ ލިސްޓުގެ އެންމެ ކުރީގައެވެ.

ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕް ފެށުން ގޯސްވި ނަމަވެސް، މިއީ އަދި މުބާރާތުގެ ގްރޫޕް ސްޓޭޖެވެ. އޭނާ އާއި ޕޯޗުގަލްއަށް މިކަން ބަދަލުކޮށްލަން ލިބޭ ދެން އޮތް ފުރުސަތަކީ ޖޫން 23 ވާ އަންގާރަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް