ލިއޮނަލް މެސީ؛ މިއަދުގެ މެޗުގައި ލަނޑެއް ޖެހުމަށްފަހު އުފާފާޅުކުރަނީ.--
މެސީގެ ހެޓްރިކާއެކު ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑާ އަރާހަމަކޮށްފި
ފިޔެސް 17 ޖޫން 2026 (ބުދަ)   09:28
ވޯލްޑްކަޕް ފުޓް ބޯޅަ މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި އާޖެންޓީނާ އިން އަލްޖީރިއާގެ މައްޗަށް މޮޅުވިއިރު، ލިއޮނަލް މެސީ ހެދި ހެޓްރިކަކާއެކު ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަކޮށްފިއެވެ.

ގައުމީ ޓީމަށް ކުޅެދިން 200 ވަނަ މެޗުގައި މެސީ ވަނީ ވޯލްޑް ކަޕެއްގައި އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިއާއެކު އޭނާ ވަނީ އާ ތާރީޚެއް ލިޔެފައެވެ. 8 ފަހަރު ބެލޮންޑިއޯ ކާމިޔާބުކުރި މެސީ ވޯލްޑް ކަޕްގައި ޖެހި ލަނޑުގެ އަދަދު 16 އަށް އެރުމާއެކު، އޭނާ ވަނީ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ޖަރުމަނުގެ މިރޮސްލާވް ކްލޯސޭގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

ތިން ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާއިން ކެންސަސް ސިޓީ ސްޓޭޑިއަމްގައި މި މޮޅު ހޯދީ ބުރަ މަސައްކަތުންނެވެ. އެޓީމުގެ އަމާޒަކީ ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ދެ ފަހަރު ދިފާއުކުރި ތިންވަނަ ގައުމަށް ވުމެވެ.

މިއީ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތާ ކުރިމަތިލައި، އާޖެންޓީނާއިން ފުރަތަމަ މެޗު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1982 އަދި 1990 ވަނަ އަހަރު ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ ފުރަތަމަ މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

މި ކާމިޔާބީގެ އަސްލަކީ މެސީގެ މޮޅު ކުޅުމެވެ. މެޗުގެ 17 ވަނަ މިނެޓުގައި އޭނާ ވަނީ ހިތްގައިމު ގޯލަކުން މެޗުގެ ލީޑު ނަގައިދީފައެވެ.

އިންޓަ މިއާމީގައި އޭނާއާއެކު ކުޅޭ ރޮޑްރީގޯ ޑި ޕޯލް ދިން ބޯޅައަކުން، އުމުރުން 38 އަހަރުގެ މެސީ މި ލަނޑު ޖެހީ ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިފުޅު ލޫކާ ޒިދާން ބަލަހައްޓަމުންދިޔަ ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ މެސީ ވޯލްޑް ކަޕްގައި ކުޅުނު 27 ވަނަ މެޗެވެ.

މެޗުގެ ފޯރިގަދަ ފެށުމެއްގައި، މެސީ މި ލަނޑު ޖެހުމުގެ 12 މިނެޓު ކުރިން އޭނާ ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމާފައިވެއެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަލްޖީރިއާއިން ޖެހި ލަނޑެއް ވެސް ގަބޫލެއް ނުކުރެއެވެ.

އާޖެންޓީނާގެ ދެވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި މެސީ ޖެހީ ޒިދާންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އަދި 76 ވަނަ މިނެޓުގައި ނިކޮލަސް ގޮންޒާލޭޒް ދިން ބޯޅައަކުން، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ވަނީ ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ.

2022 ވަނަ އަހަރު ގަތަރުގައި ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު މެސީ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާ ނުކުރީ ކީއްވެގެންތޯ ސުވާލު އުފެއްދި މީހުންނަށް އޭނާ މިވަނީ ވަރުގަދަ ޖަވާބެއް ދީފައެވެ.

39 ވަނަ އުފަންދުވަހަށް ހަފުތާއަކަށް ވެފައި ވަނިކޮށް، އޭނާ ވަނީ އާދަޔާ ހިލާފު ކުޅުމެއް ދައްކައި، އޭނާގެ ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑެއް މުގުރާލާފައެވެ. އެއީ ވޯލްޑް ކަޕެއްގައި ހެޓްރިކް ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑެވެ.

މީގެ ހަތަރު އަހަރު ކުރިން އާޖެންޓީނާއަށް ދުނިޔޭގެ ތަށި ހޯދައިދިނުމަށްފަހު، މެސީ ކެރިއަރު ކުރިއަށް ގެންދަން ނިންމި ނިންމުމާ މެދު ގިނަ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް މި ކުޅުމުން ސާބިތުކޮށްދިނީ އޭނާ އެމެރިކާއަށް އައީ ހަމައެކަނި މުބާރާތުގައި ބައިވެރިވާން ނޫން ކަމާއި، އާޖެންޓީނާއަށް ހަތަރުވަނަ ފަހަރަށް ތަށި ހޯދައިދޭން އޭނާ އަޒުމް ކަނޑައަޅާފައިވާ ކަމެވެ.

ކްލޯސޭގެ ރެކޯޑާ އަރާ ހަމަކުރުމާއެކު، ދެން އޮތް އޮސްޓްރިއާ މެޗު ނިމޭއިރު އެ ރެކޯޑް މެސީ އެކަނި މިލްކުކުރާނެ ކަމާމެދު ޝައްކު ކުރާނެ މީހަކު މަދުވާނެއެވެ. 

ކޮމެންޓް