
ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ހުކުރު ދުވަހު ހެނދުނު 11:00 ހާއިރު، މި އަލިފާނުގެ ހާދިސާ ހިނގީ ލާ އަލްޓަގްރާސިއާ ޕްރޮވިންސްގެ ބަޔާހީބޭ އަވަށުގައި ހުންނަ ހަތަރު ތަރީގެ ރިސޯޓެއް ކަމަށްވާ "ވީވާ ވިންޑަމް ޑޮމިނިކަސް ބީޗް" ގައެވެ. ބަޔާހީބޭ އަކީ އެ ގައުމުގެ އިރުދެކުނު އައްސޭރީގައި އޮންނަ، ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.
ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑޮމިނިކަން ރިޕަބްލިކްގެ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިސްވެރިޔާ ހުއާން މެނުއަލް މެންޑޭޒް ވިދާޅުވީ، އަލިފާން ރޯވި ހާދިސާގައި މީހަކު މަރުވެފައިވާ ކަމަށާއި، މަދުވެގެން ނުވަ މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
މެންޑޭޒް ވިދާޅުވި ގޮތުގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކު އެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާއިރު، ހަ މީހަކަށް ފަރުވާ ދީފައިވަނީ ހާދިސާ ހިނގި ތަނުގައެވެ.
މި ހާދިސާގައި މަރުވީ އިޓަލީއަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ އަންހެނެކެވެ. ފްރެންސެސްކާ ވެލެންޓީނާ ނަމަކަށް ކިޔާ އެމީހާއަކީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ މީހެކެވެ.
ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރިސޯޓުގެ ފަންފުރާޅުލީ އިމާރާތްތަކުގައި ވަރަށް ހަލުވިކަމާއެކު އަލިފާން ފެތުރިގެން ދެއެވެ. ހުޅު ގަދަޔަށް ހިފާފައިހުރި ރައްކާތެރިވާން ޓޫރިސްޓުން އެކި ދިމަދިމާއަށް ދުވާތަންވެސް ފެނެއެވެ. އަދި ދުންގަނޑު މައްޗަށް އަރަމުންދިޔައިރު، އަލިފާން ރޯވެފައިވާ ސަރަހައްދާ ވަރަށް ކައިރީގައި ޓޫރިސްޓުން މޫދަށް އެރި ތިބި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ރިސޯޓުގެ ފަޔަރ ކްރޫއަށް އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ދަތިތަކެއް ކުރިމަތިވުމުން، ލާ ރޮމާނާގެ ފަޔަރ ފައިޓަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިސޯޓުގައި ތިބި ގާތްގަނޑަކަށް 1,690 ޓޫރިސްޓުން އެހެން ހޮޓާތަކަށާއި ކައިރީގައި ހުރި އެކަމޮޑޭޝަންތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވީވާ ވިންޑަމްގެ ކައިރީގައި އޮންނަ އަނެއް ރިސޯޓު ކަމަށްވާ "ޑޮމިނިކަސް ޕެލަސް" އަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، އެތަނުގެ މަސައްކަތްތައް އާންމު ހާލަތުގައި ކުރިއަށްދާ ކަމަށްވެސް ބުނެފައިވެއެވެ.
އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނި ގޮތުގައި، ފުރަތަމަ ހޯދުންތަކުން އެނގޭ ގޮތުގައި އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިގެން ދިޔައީ ރިސޯޓުގެ ފުރާޅުގެ ބައެއް ހަދާފައިވަނީ ފަސޭހައިން އަލިފާން ހިފާ ބާވަތެއްގެ އޮނުން ކަމަށްވާތީއެވެ. މީގެ އިތުރުން ވައިގަދަވުމަކީވެސް އަލިފާން ފެތުރެން މެދުވެރިވި ސަބަބެކެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ބީޗް ރިސޯޓްތަކަކީ ރާއްޖޭގެ ރާއްޖޭގެ ރިސޯޓްތަކާ އެއްގޮތް ގޮތަކަށް ހަދާފައި ހުންނަ ރިސޯޓްތަކެވެ.




