ހުޅުމާލޭގެ 141 ވަނަ ފްލެޓްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ - ފޮޓޯ: އެމްއެންޑީއެފް
ފެން ހޫނުކުރާ ޖަގެއްގައި ރޯވެ ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރްޔަމް މުޙައްމަދު 17 ޖޫން 2026 (ބުދަ)   10:09
ހުޅުމާލެ ފޭސް 1 ގެ 141 ވަނަ ފްލެޓްގައި ރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއަކާ ގުޅިގެން، އެ ތަނުގައި ދިރިއުޅޭ އެއް އާއިލާއަކަށް އެންޑީއެމްއޭ (ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާއިރު، ފުލުހުން ބުނީ ހުޅުމާލޭ ފްލެޓެއްގައި ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:00 ހާއިރު ކަމަށެވެ.

ރިޕޯޓު ކުރުމާއެކު އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވެފައިވާ ކަަމަށާ، މި ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކުރި ހަ މީހަކު ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ ނަމަވެސް އެންމެގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ 141 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވެގެން ކަމަށް ވާއިރު، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ ފަތިހު 4:32 ހާއިރު ކަމަށެވެ.

އަދި އެ ރިޕޯޓް ލިބުމާއެކު ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:58 ހާއިރު ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނީ، މި ހާދިސާއާ ގުޅިގެން އެ ތަނުގައި ދިރިއުޅެމުންދިޔަ އެއް އާއިލާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން، އެ އާއިލާގައި ހިމެނޭ ހަ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުންކަމަށެވެ.

އަދި ހާލުގައި ޖެހުނު އެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އޮތޯރިޓީ އިން ދަނީ ކުރަމުންކަމަށް އެންޑީއެމްއިން ބުނެފައި ވާއިރު، ފުލުހުން އަންނަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ގޮތުން އެކަން މިހާރު ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް