ވަޅި ހިފައިގެން އުޅުނު މީހާ މަގުމަތިން އާންމުން ހިފަހައްޓާފައި.--
ވަޅިއެއް ހިފައިންގެން ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި
މަރްޔަމް މުޙައްމަދު 20 ޖޫން 2026 (ހޮނިހިރު)   11:25
ހުޅުމާލޭގައި ހުރި ފިހާރައަކަށް ވަޅިއެއް ހިފައިން ވަދެ، އެތަނުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

އެމްއޭސީއެލް ފްލެޓުތައް ކައިރީ ހިނގި އެ ހާދިސާގެ ވީޑިއޯ އެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނީ ވަޅި ހިފައިގެން އުޅުނު ކަމަށް ބުނާ މީހާ މަގުމަތިން ހިފަހައްޓައިގެން އާންމުންތަކެއް އުޅޭ މަންޒަރެވެ.

މާރާމާރީ ހިންގި ކަމަށް ބުނާ މީހާ ބިންމައްޗަށް ވައްޓާލަފައި އޮތްއިރު، ބަޔަކު އޭނާ ގައިގައި ހިފައިގަނެ، މައިތިރި ކުރަން އުޅޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އަދި އޭނާ ބިންމަތީގައި އޮއްވައި މީހަކު އޭނާގެ މޫނުމަތީގައި ފައިން ޖަހާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައި ވަނީ ތޫނު ހަތިޔާރާއެކު ފިހާރައަކަށް ވަދެ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް