ހަސަން ޒަރީރަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ފިނޭންސް މިނިސްޓަރަކަށް ހަސަން ޒަރީރު އައްޔަނު ކުރައްވައިފި
މަރްޔަމް މުޙައްމަދު 8 ޖޫން 2026 (ހޯމަ)   14:54
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަޤާމަށް، ޙަސަން ޒަރީރު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހަސަން ޒަރީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޒަރީރު މިހާތަނަށް ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ނުވަތަ މީރާގެ އިސްވެރިޔާގެ މަގާމުގަ އެވެ. 

ޒަރީރަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ޒަރީރު ވަނީ ސޮއިކުރައްވާފައެވެ.

ހަސަން ޒަރީރަކީ ކޮލިފައިޑް ޗާރޓަރ އެކައުންޓެންޓަކަށް ވުމުގެ އިތުރުން އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާތަކުން މަތީ ތަޢްލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން ފިނޭންސް މިނިސްޓްރީގެ އެކި މަޤާމުތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރަށް ޒަރީރު ވަނީ ޕްރައިވެޓް ކުންފުނިތަކުގައިވެސް ގިނަ އަހަރުތަކެއް ޚިދުމަތްކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ސިއްހީ ސަބަބުތަކާ ހުރެ މިއަދު އިސްތިއުފާ ދެއްވުމުންނެވެ.                                 

ޒަރީރަކީ މި ސަރުކާރުގެ ތިން ވަނަ ފިނޭންސް މިނިސްޓަރެވެ. މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރަކީ މުހައްމަދު ޝަފީގެވެ. ޒަމީރު، ފޮރިން މިނިސްޓަރަކަށް ހުންނަވަނިކޮށް، ފިނޭންސަށް އައްޔަނުކުރެއްވީ ޝަފީގު އިސްތިއުފާ ދެއްވުމުންނެވެ. 



ކޮމެންޓް