
ވިހާފައި ތުއްތު ކުއްޖަކު މަރާލި މި މައްސަލާގައި، ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ދައުލަތުން ދައުވާ ކުރީ ތިން މީހެއްގެ މައްޗަށް ކަމަށްވާއިރު، އެއީ އާއިޝަތު ޝާއިރާ، އދ. މާމިގިލި ގްރީންލައިޓް، އާއި، މޫސާ އަހްސަމް ހއ. ފިއްލަދޫ ޝެޑޯ އާއި، މުހައްމަދު އިމްތިޔާޒް ތ. މަޑިފުށި، ސޯސަންވިލާއެވެ.
މި ތިން މީހުންގެ ތެރެއިން، އެނގިހުރެ މީހަކު މެރުގެ ދައުވާ މޫސާ އަހްސަމްގެ މައްޗަށް ކޮށްފައިވާއިރު، ޝާއިރާ އަދި އިމްތިޔާޒުގެ މައްޗަށް އުފުލާފައި ވަނީ، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
އަދި މީގެ އިތުރުން، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ދައުވާ ވެސް ޝާއިރާގެ މައްޗަށް އުފުލާފައި ވާއިރު، އެ ހުރިހާ ދައުވާއެއް ވެސް އެ ތިން މީހުންގެ މައްޗަށް އެ މީހުންގެ އިއުތިރާފުން ސާބިތުވިއެވެ.
މި މައްސަލާއިގައި ހިމެނޭ ޝާއިރާއަކީ މި ކޭސްގައި މަރާލި ތުއްތު ކުއްޖާގެ މާމަ ކަމަށްވާއިރު، އޭނާގެ މައްޗަށް މި މައްސަލައާ ގުޅިގެން ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އަދި އެ ކުށް ސާބިތުވެ، ޝާއިރާގެ މައްޗަށް އިއްވާފައި ވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެވެ.
ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓްކޮށްފައި ނުވަނީ އޭނާގެ 18 އަހަރުން ދަށުގެ އަންހެން ދަރިއަށް، މި މައްސަލާއިގައި ހިމެނޭ މޫސާ އަހްސަމް ޖިންސީ ގޯނާ ކުރުމުންނެވެ. އަދި، މި މައްސަލާއިގައި ޝާއިރާގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ ކަމަށްވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ ޝާއިރާގެ މައްޗަށް އިއްވާފައި ވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ކައިވެނީގެ ބޭރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ލިބުނު ތުއްތު ކުއްޖާ މަރާލި މައްސަލާއިގައި އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ މޫސާ އަހްސަމްގެ މައްޗަށް ސާބިތުވެ، އިއްވާފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. މި މައްސަލާއިގައި ދައުލަތުން ދައުވާ އުފުލި ތިންވަނަ މީހަކީ ޝާއިރާގެ ލޯބިވެރިޔާ، މުހައްމަދު އިމްތިޔާޒް ކަމަށްވާއިރު، އޭނާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް އިއްވާފައި ވަނީ ދެ އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.




