މާވިން އާއި އޭނާގެ އަނބިމީހާ މޭރީ
މާވިން އޭނާގެ އަނބިމީހާ މޭރީ މަރާލިކަން ސާބިތުވެއްޖެ
ޖުނާން އަޙުމަދު 22 ޖޫން 2026 (ހޯމަ)   14:50
އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން (އޭނާ އިސްލާމްވުމަށްފަހު މިހާރު ކިޔާފާވާ ނަމުން ނަމަ ޔޫސުފް) ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މޭރީ މަރާލި މައްސަލައިގައި މާވިންގެ މައްޗަށް، ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެއީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުތެރޭގައި އޭނާގެ އަނބިމީހާ މޭރީއަށް ހަމަލާދީ މަރާލި ކަމުގެ ދައުވާއެވެ.

މޭރީ ދިރިއުޅެމުން އައީ، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށްވާއިރު، އޭނާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން، މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. މި މައްސަލައިގައި ބަންދުގައި ހުރެ، މާވިން އިސްލާމްވެ، އޭނާގެ ނަން މިހާރުވަނީ ޔޫސުފްއަށް ބަދަލުކޮށްފައެވެ. މާވިން އިސްލާމްވެއްޖެކަން، އިސްލާމިކް މިނިސްޓްރީންވަނީ ކޯޓަށްވެސް އަންގައިފައެވެ.

މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފުލުހުންގެ ތަހުގީގަށްފަހު، މޭރީ މަރާލީ މާވިން ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ. އެހެންކަމުން އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބައްލަވާ ގާޒީ މުޒައްމިލް ނާޒިމް ވިދާޅުވީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ހެކިބަހުގައި ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުގައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އަދި، ގާޒީ ވިދާޅުވީ މޭރީއަށް ހަމަލާދިން މަންޒަރު ފެނުނު އެއްވެސް މީހަކު ނެތް ނަމަވެސް އޭނާ ދިރިހުއްޓާ އެންމެފަހުން ފެނުނީ އޭނާ ދިރިއުޅުނު ގެއަށް ވަންނަނިކޮށް ކަމަށެވެ. އަދި އޭރު މާވިން ވެސް އެ ގޭގައި ހުރިކަން ހެކިތަކުން އެނގޭއިރު، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅުވާލައިގެން ދެއްކި ދޮގު ވާހަކަތަކެއް  ކަމަށެވެ.

ޕިލިޕީސްގައި ކައިވެނިކޮށްގެން ހުރެ އިތުުރު ކައިވެންޏެއް ނުކުރެވޭތީ އެކަމާ މެދު މާވިންއާއި މި މައްސަލައިގައި ދެން ތުހުމަތު ކުރެވޭ, މާވިންގެ ލޯބިވެރިޔާ، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއާ ދެމެދު ވާހަކަތަކެއް ދެކެވުނުކަން އެ ދެ މީހުންގެ ޗެޓުތަކުން އެނގޭ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން، ފެންނަން ހުރި ހެކިތަކާއި މާވިންގެ އަމަލުތަކަށް ބަލާއިރު މޭރީ މަރާލުމުގެ ގަސްދު މާވިންގެ ކިބައިގައި އޮތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މާވިންގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކުށް ސާބިތުވާ ކަމަށް ނިންމުމަށްފަހު އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން މާވިންގެ ވަކީލް އެދުނީ ދިރާސާ ކުރުމަށްފަހު އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށެވެ. އެހެންވެ، ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.

އެ މައްސަލާގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި މާވިންގެ އިތުރުން ދިވެހި ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. ލަމްހާއަށް ދައުވާކުރީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. 

ކޮމެންޓް