ހަލީމަތު ލަމްހާ
މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަމަށް ސާބިތުވެއްޖެ
ޖުނާން އަޙުމަދު 22 ޖޫން 2026 (ހޯމަ)   15:44
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވުމުގެ ކުށް، ހަލީމަތު ލަމްހާގެ މައްޗަށް ސާބިތުވެއްޖެ އެވެ.

ލަމްހާގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ އެ ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ލަމްހާގެ އިތުރުން އެ މައްސަލައިގައި ދެން ދައުލަތުން ދައުވާކުރީ މޭރީ ގްރޭސްގެ ފިރިމީހާ މާވިން ވާގަސްގެ މައްޗަށެވެ. އެނގިހުރެ މޭރީ މަރާލުމުގެ ކުށް މާވިންގެ މައްޗަށް ވެސް މިއަދު ވަނީ ސާބިތުވެފަ އެވެ.

މޭރީ އާއި މާވިން އަދި ލަމްހާއަކީ އައިޖީއެމްއެޗްގެ ކެޝުއަލްޓީގައި މަސައްކަތް ކުރި ނަރުހުންނެވެ. 

2021 އޮކްޓޯބަރު 19, ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

ދައުލަތުން ތުހުމަތުކުރި ގޮތުގައި މާވިން އާއި ލަމްހާއާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވެ އެވެ. އަދި އެ ދެ މީހުން ރާވައިގެން މޭރީ މަރާލީ މާވިން ކަމަށާއި އަދި މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެ އެކަން ރިޕޯޓްކުރީ މާވިން ކަމަށް ދައުލަތުން ބުނެ އެވެ. އަދި މޭރީ މަރާލި ވަގުތު މޭރީގެ ދަރިފުޅު ބެލެހެއްޓުމާ ލަމްހާ ހަވާލުވެ، އެ ކުއްޖާ ގޮވައިގެން އެހެން ގެއަކަށް ލަމްހާ ދިޔަ ކަމަށް ވެސް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.

މާވިން އާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމި ނަމަވެސް އެ ދެ މީހުންނަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހު އެވެ.

ކޮމެންޓް