މެސީ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ.--
ވޯލްޑް ކަޕްގައި އެންމެގިނަ ލަނޑު ޖެހުމުގެ ރެކޯޑް މެސީ މުގުރާލައިފި
އަބްދުﷲ އިބްރާހީމް 23 ޖޫން 2026 (އަންގާރަ)   00:31
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ މުގުރާލައިފި އެވެ.

ގާތްގަނޑަކަށް 12 އަހަރު ވަންދެން، ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ އަތުގައި އޮތް ރެކޯޑް މެސީ މުގުރާލީ މިރޭ އާޖެންޓީނާ އާއި އޮސްޓްރިއާ ކުޅުނު މެޗުގައި ގޯލު ޖަހައިގެންނެވެ.

މި މެޗުގައި ރެކޯޑް މުގުރާލި ގޯލަކީ މެސީގެ 17 ވަނަ ގޯލެވެ. ވޯލްޑް ކަޕުގައި ކްލޯސާ ޖަހާފައިވަނީ 16 ގޯލެވެ. އޭނާ މި ރެކޯޑް ހޯދީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގަ އެވެ.

ހަ ވަނަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅޭ 39 އަހަރުގެ ކުޅުންތެރިޔާ މިރޭ ޖެހި ގޯލަކީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި މިހާރު ކުރިއަށްދާ މުބާރާތުގައި އޭނާ ޖެހި ހަތަރު ވަނަ ގޯލެވެ.

މިރޭގެ މެޗް 2-0 ކުން އާޖެންޓީނާ ކާމިޔާބުކުރިއިރު، މެޗްގެ ކުރީކޮޅު ލިބުނު ޕެނަލްޓީ މެސީ އަތުން ނާކާމިޔާބުވިނަމަވެސް، އާޖެންޓީނާއަށް 2 ލަނޑު ކާމިޔާބު ކޮށްދިނީވެސް މެސީ އެވެ. އެހެންކަމުން ވޯލްޑް ކަޕްގައި މެސީ ޖެހި ލަނޑުގެ އަދަދު 18 އަށް އެރީއެވެ. މި މުބާރާތް މެސީ ފެށީ އަލްޖީރިއާ ކޮޅަށް ހެޓްރިކް ހަދައިގެންނެވެ.

ވޯލްޑް ކަޕުގައި މެސީ ގޯލު ޖަހާފައިވާ ގޮތް:

  • 2006: 1 ގޯލު
  • 2010: ގޯލެއް ނުޖެހޭ
  • 2014: 4 ގޯލު
  • 2018: 1 ގޯލު
  • 2022: 7 ގޯލު
  • 2026: 5 ގޯލު

މީގެ ދެދުވަސް ކުރިން 39 ވަނަ އުފަންދުވަސް ފާހަގަކުރި މެސީ، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދިއިރު މި ރެކޯޑް މިހާތަނަށް އޮތް ކްލޯސާ ވެސް ވަނީ މެސީ އެ ރެކޯޑް މުގުރާލަން އެދޭކަމަށް ބުނެފަ އެވެ.

"އަހަރެން އެދެނީ މެސީ އަހަރެންގެ ރެކޯޑް މުގުރާލަން. މި ވޯލްޑް ކަޕުގައި މި ރެކޯޑް މުގުރާލާނެ ކަމަށް އަހަރެން ކުރިން ވެސް އުއްމީދު ކުރިން. އެއީ އެމްބާޕޭ އާއި މެސީ ވަރަށް ގާތުން ވާދަ ކުރާތީވެ. ދެން މެސީ ރެކޯޑް މުގުރާލަން އަހަރެން ބޭނުންވަނީ އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމުން. އޭނާ މި ރެކޯޑް މުގުރާލުމަކީ ޝަރަފެއް،" ކްލޯސާ ބުނެފައި ވެއެވެ. 

2014 ވަނަ އަހަރު ކްލޯސާ މި ރެކޯޑް މުގުރާލީ 15 ގޯލާއެކު ބްރެޒިލްގެ ރޮނާލްޑޯ 2006 ވަނަ އަހަރު ހެދި ރެކޯޑް މުގުރާލައިގެންނެވެ. އެއީ ޖުމުލަ 16 ގޯލު ހަމަކޮށްގެންނެވެ.

ކޮމެންޓް