ކްރިސްޓިއާނޯ ރޮނާލްޑޯ: މޭން އޮފް ދި މެޗްގެ ޓްރޮފީއާ އެކު.--
ވޯލްޑްކަޕްގެ ތާރީހުން ރޮނާލްޑޯ ހާއްސަ ޖާގައެއް ހޯދައިފި
ހަސަން އިބްރާހީމް 24 ޖޫން 2026 (ބުދަ)   00:50
އާޖެންޓީނާގެ ލިއޮނަލް މެސީ، ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދިތާ އެއް ދުވަސް ފަހުން، ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވޯލްޑްކަޕް މުބާރާތުގެ ތާރީހުން ހާއްސަ ޖާގައެއް ހޯދައިފި އެވެ. އެއީ ވޯލްޑް ކަޕްގެ ތަފާތު ހަ މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފެވެ.

ޕޯޗުގަލްގެ މި ހުނަރުވެރި ފޯވާޑް މި ލަނޑު ކާމިޔާބުކުރީ ގްރޫޕް 'ކޭ' ގައި އުޒްބެކިސްތާނާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ހަވަނަ މިނެޓުގައެވެ. އޭނާ މި ލަނޑު ޖެހީ ޔާއޯ ކަންސެލޯ ތިރިތިރިން ހުރަސްކޮށްދިން ބޯޅަ ގޯލުގެ ކައިރި ދަނޑި ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިއީ 2006 ވަނަ އަހަރު ވޯލްޑް ކަޕްގައި އޭނާ ކުޅެން ފެށި ފަހުން މި މުބާރާތުގައި ޖެހި 9 ވަނަ ލަނޑެވެ. އަދި މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 144 ވަނަ ލަނޑެވެ.

ވޯލްޑްކަޕް މުބާރާތްތަކުގައި ރޮނާލްޑޯ ޖެހި ލަނޑުތައް: 

  • 2006: 1 ލަނޑު
  • 2010: 1 ލަނޑު
  • 2014: 1 ލަނޑު
  • 2018: 4 ލަނޑު
  • 2022: 1 ލަނޑު
  • 2026: 2 ލަނޑު

ވޯލްޑް ކަޕްގައި މެސީ ހަދާފައިވާ 18 ލަނޑުގެ ރެކޯޑަށްވުރެ ރޮނާލްޑޯ ފަހަތުގައި އޮތް ނަމަވެސް، މެޗުގެ 39 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ލަނޑުގެ އަދަދު އިތުރުކޮށްފައެވެ. މި ލަނޑާއެކު ރޮނާލްޑޯ ވެފައިވަނީ ވޯލްޑް ކަޕްގައި ޕޯޗުގަލް ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 9 ލަނޑު ޖަހާފައިވާ އުސޭބިއޯ އަތުގަ އެވެ.

ގްރޫޕް ކޭގައި ފުރަތަމަ ކުޅުނު މެޗުން ޕޯޗުގަލް ވަނީ 1-1 އިން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއާ އެއްވަރުވެފަ އެވެ. އެހެންވެ، މިރޭ އުޒްބެކިސްތާނާ ދެކޮޅަށް ނުކުތްއިރު، ޕޯޗުގަލް އަށް އޮތީ މޮޅުވުން މަޖުބޫރުވެފަ އެވެ.

ރޮނާލްޑޯގެ 2 ލަނޑާއެކު ޕޯޗްގަލް، އުޒްބަކިސްތާނުގެ މައްޗަށް ކުރި ހޯދީ 5-0 ކުންނެވެ. މިރޭ މެޗްގެ މޭން އޮފް ދި މެޗަކީވެސް ރޮނާލްޑޯ އެވެ. އެހެންކަމާއެކު ވޯލްޑްކަޕް މުބާރާތުގައި ރޮނާލްޑޯ ޖެހި ލަނޑުގެ ޖުމްލަ އަދަދު 10 އަކަށް އެރީއެވެ.

މިރޭ ރޮނާލްޑޯ ލަނޑު ޖެހުމާއެކު ކޮމަންޓޭޓަރުން ފާހަގަ ކުރި އަނެއްކަމަކީ، ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ދެ ވަނަ އަށް އެންމެ ދުވަސްވީ ކުޅުންތެރިޔަކީވެސް ރޮނާލްޑޯ ކަމެވެ. ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިއަކީ، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކެމެރޫނަށް 42 އަހަރުގައި ލަނޑު ޖަހައިދިން ރޮޖާ މިލާ އެވެ. ރޮނާލްޑޯގެ އުމުރުން މިހާރު 41 އަހަރެވެ.

ފަސް ފަހަރު ބެލަންޑޯރ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯގެ އަމާޒަކީ މި އަހަރުގެ މުބާރާތް ކާމިޔާބުކޮށް، އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ތަށި ހޯދުމެވެ. މިއީ 2016 ވަނަ އަހަރު ޕޯޗުގަލްއާއެކު ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) ކާމިޔާބުކުރުމަށްފަހު، ފުޓްބޯޅައިގެ އެންމެ ބޮޑު ޝަރަފު އޭނާގެ ކާމިޔާބީގެ ތެރެއަށް އިތުރުކުރުމަށް ކުރާ މަސައްކަތެކެވެ.

ކޮމެންޓް