
ރައްޔިތުން ބޭނުންވާ ބަދަލު އިދިކޮޅު އެމްޑީޕީން ގެނެސްދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު އެކްސް ގައި ޕޯސްޓުކުރައްވާ ވިދާޅުވީ 2008 ވަނަ އަހަރު ވުޖޫދުކުރި ގާނޫނުއަސާސީގެ އަމާޒަކީ ތިން ބާރު ވަކިކުރުން ކަމަށްވީ ނަމަވެސް އެކަން ހާސިލު ނުކުރެވުނު ކަމަށާ، ރިޔާސީ އިންތިހާބާއެކު ސަރުކާރު ހިންގާ ޕާޓީއަށް މަޖިލިސްގެ ބޮޑު އަގުލަބިއްޔަތެއް ހޯދޭއިރު، އަދި ހަމަ އެއާއެކު ރައީސްގެ ބާރުގެ ދަށަށް ހުރިހާ ބާރެއް ގެންދެވޭ ކަމަށެވެ.
އަދި ގާނޫނުއަސާސީ މިހާރު އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، މިއާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނަކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިމްތިހާބުގެ ކެމްޕޭނު ފެށުމުގެ ކުރީގައި ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ "ބޮޑު ބަދަލު" ގެ ނަމުގައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ބީދައަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، ރާއްޖޭގައި ވެރިކަންކުރުމުގެ ނިޒާމަށް އިސްލާހުތަކެއް ހުށަހަޅުއްވާ އެ ބަދަލުތަކުގެ މައުލޫމާތުތައް ރައްޔިތުންނަށް ދެއްވާފައެވެ.
އެ ހުށަހެޅުމުގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ، ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުން ކަމަށްވާއިރު، އެ ބަދަލުގައި ބުންނަނީ، އެއީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމެއް ވެސް ނޫން ކަމަށާ އެއީ ރާއްޖެއަށް ފައްކާކޮށްފައިވާ މުޅިން އާ ގޮތްތަކެއް ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގައި އެކަށައަޅާފައިވާ މައިގަނޑު އުސޫލުތައް ރައްކާތެރި ކުރުމަށާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް މަޖިލީހާއި ވެރިކަން ކުރާ ފަރާތުގެ ބާރު ނުހިންގޭނެ ގޮތަށް ނިޒާމު ބަދަލު ކުރުމަކީ ވެސް "ބޮޑު ބަދަލު" ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބަދަލެވެ.
"ބޮޑު ބަދަލު"ގެ ނަމުގައި އޮފީހެއް ވެސް އެމްޑީޕީން މިހާރު ހާއްސަ އޮފީހެއްވެސް ގާއިމުކޮށްފައި ވާއިރު، އެ ބޮޑުބަދަލުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ކުރުމާއި ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތައް ތަމްސީލު ކުރެވޭނެ ގޮތެއް ހަދައި، މަޖިލިސް މެންބަރުން ރިކޯލް ކުރެވޭނެ މަގު ފަހި ކުރުން ވެސް އެ ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.
މީގެއިތުރުން، ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށް ވާއިރު، 2008 ވަނަ އަހަރުގައި އަމަލުކުރަން ފެށި ޤާނޫނު އަސާސީ ދިވެހިންނަށް ލިބިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ވެސް އެމްޑީޕީކަމަށް ވިދާޅުވެ، މިއަދު އެ ޕާޓީގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރުގައި އަމަލުކުރަން ފެށި ޤާނޫނު އަސާސީގެ ސަބަބުން ކުރިއެރުންތަކެ ހޯދުނު ނަމަވެސް ދުވަސްތަކެއް ފަހުން ބަލާއިރު ގޮންޖެހުންތަކެއް ވެސް އެބަހުރި ކަމަށެވެ.
އެމްޑީޕީ އަށް މިއަދު 21 އަހަރު ފުރުނު އިރު، އެ ޕާޓީ ވުޖޫދަށް އައީ 2005 ގަ އެވެ. އެ ޕާޓީ އަކީ މިހާރު ރާއްޖޭގައި ދެވަނަ އަށް މެންބަރުން އެންމެ ގިނަ ޕާޓީ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބުވީ ބޮޑު ބަދަލުގައި ހުރި ކަންކަން ހުށަހަޅުއްވައި ޕާޓީ މެންބަރުންގެ ތާއީދު ހޯއްދަވައިގެން ކަން ފާހަގަކޮށްލެވެއެވެ.




