
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، މި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް، މިހާރު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތަކީ ސާކް ސަމިޓް ބާއްވަން އެމަނިކުފާނުގެ ވެރިކަމުގައި ކުރި ބޭކާރު ބޮޑު ހަރަދެއް ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރީ އޭރުގެ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އެވެ.
އެއަށްފަހު، އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލްގެ ގޮތުގައި އެތަން ހިންގަން ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެންނެވެ.
އަދި މި ސަރުކާރުން މިހާރު އަންނަނީ އެ ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް، ހިދުމަތްތައް ފުޅާކުރުމަށްޓަކައި 150 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުތަކެއް ވެސް ހިންގަމުން ކަމަށްވާއިރު، އެ އިމާރާތަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރި ބޭކާރު ބޮޑު ހަރަދެއް ކަމަށް މި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ހޮނިހިރު ދުވަހު ވިދާޅުވީ، ރައީސް ނަޝީދުގެ ނުރަސްމި އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓުން ވިދާޅުވެފައި ވަނީ، މި ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީކޮށް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއު އަކީ މިހާރުގެ ހާލަތަށް ބަލާއިރު މާ މުހިންމު ކަމެއް ނޫން ކަމަށާ، މިއީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަންކަން ނޫންކަމަށެވެ.
އެ ޕޯސްޓަށް ރައްދުދެއްވާ، ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ގައި 17 ވަނަ ސާކް ސަމިޓް ރާއްޖޭގައި ބާއްވަން ހިތަދޫގައި ބިނާކުރި ކޮންވެންޝަން ސެންޓަރަކީ ބޭކާރު ހަރަދެއް ކަމަށާ، އަދި އެއީ ދެމެހެއްޓެނިވި ވިސްނުމެއް ނެތި ވަގުތީ ގޮތުން ބޭނުންކޮށްލެވޭ ގޮތަށް ބިނާކުރި ތަނެއް ކަމަށެވެ.
ތަރުޖަމާން ވިދާޅުވީ، ރައްޔިތުން އާއްމުކޮށް ބޭނުންކުރާ ބޭންކުތައް، އޮފީސްތައް، ވިޔަފާރިތައް އަދި ދަތުރުފަތުރުކުރާ ތަންތަން ހެދުމަކީ އެތަންތަނުގެ މަންފާ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނޭ ތަންތަން ކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބާޒާރުމަތީ ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުވެ އެކަމުގެ ފަސޭހަކަން މިއަދު ރައްޔިތުންނަށް ފެންނަން ފަށައި އެކަމުގެ ހިތްހަމަޖެހުން މިއަދު ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އަމާޒަކަށް ވެފައި އޮތީ އައްޑޫ ކޮންވެންޝަން ސެންޓަރާއެކު އައްޑޫގައި ހޮޓެލެއް ތަރައްގީ ކުރުމަށް ޓެންޑަރަށް ހުޅުވާލައި، ކޮންވެންޝަން ޓޫރިޒަމް އައްޑުއަށް ފައްކާކުރުން ކަމަށެވެ.
އަދި މި ޕޯސްޓަށް ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓުން ކޮމެންޓުކުރައްވާ ވިދާޅުވެފައި ވަނީ "ކުކުޅު ހާވަމުންދާއިރު ޖަވާހިރެއް ފެނުނަސް އެސޮރަކަށް ނޭނގޭނެ ކޮށްޖަހާނީ ނަޖިހަށް" މިހެންނެވެ.




