
ޝަކީލު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ހުވާލައިދެއްވި މި ރަސްމިއްޔާތުގައި ހުވާކުރެއްވުމަށްފަހު ހުވާގެ އިގުރާރުގައި ޝަކީލް ސޮއިކުރެއްވިއެވެ. އަދި އޭގެފަހުން އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރެއްވިކަމުގެ ލިޔުން އޭނާއާ ހަވާލުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޝަކީލް އެ މަގާމަށް އައްޔަނުކުރަން 51 މެންބަރުން ވޯޓު ދެއްވިއިރު ހަތް މެންބަރުން އޭނާ އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް ވޯޓު ދެއްވި އެވެ.
އިއްޔެއާ ހަމައަށް އޭނާ ހުރީ ޕީއެންސީގެ ރެޖިސްޓްރާގެ މަގާމުގައާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އީސީއަށް ދިޔުމަށްޓަކައި އޭނާ ވަނީ އެ ދެ މަގާމުން އިސްތިއުފާ ދީފަ އެވެ.
ޝަކީލް ވަނީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފަ އެވެ. އޭނާ އެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2014، އިން މެއި 2018، އަށެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. ޒާހިދުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް އިހްތިޔާރު ކުރެއްވި ހަމައެކަނި ބޭފުޅަކީ ޝަކީލެވެ.
އިލެކްޝަންސް ކޮމިޝަނަކީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ މިނިވަން މުއައްސަސާ އެވެ. އެ މުއައްސަސާގެ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރި ޝަކީލް ވަނީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުގެ އިތުރުން އެ ޕާޓީގެ ސެނެޓް މެންބަރުކަމާއި އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މަގާމުތައް ވެސް ފުރުއްވައިފަ އެވެ.
އޭނާ އަކީ ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ރައީސް މުއިއްޒަށް ސަނާ ކިޔައި، ސަރުކާރާ ދެކޮޅަށް ބަސްބުނާ ފަރާތްތަކަށާއި އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާ ބޭފުޅެކެވެ.
މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުމާއެކު، ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ޕީއެންސީގެ އެކްޓިވިސްޓުން، އައްޔަނުކުރަމުންދާތީ އެކަމާ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރެއެވެ.




