
ޕީއެންސީގެ ރެޖިސްޓްރާގެ މަގާމު ފުރުއްވުމުގެ އިތުރުން ޝަކީލްއަކީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި ބޭފުޅާ އެވެ. 2023 ނޮވެމްބަރުން ފެށިގެން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މަގާމުގައި ޝަކީލް ހުންނެވިއިރު، ޕީއެންސީގެ ރެޖިސްޓްރާގެ މަގާމަށް އޭނާ އައްޔަނުކުރީ މިދިޔަ ޖެނުއަރީ 28 ގައެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ޝަކީލް އީސީ މެންބަރުކަމަށް ހަމަޖެއްސުމަށް އިއްޔެ ފާސްކޮށްފައިވާއިރު، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ރިޕޯޓަށް ވޯޓަށް އަހައި 51 މެންބަރުންގެ އަގުލަބިއްޔަތުން އޭނާ އެ މަގާމަށް އައްޔަން ކުރަން ވަނީ ފާސްކޮށްފަ އެވެ. މި ވޯޓުގައި އޭނާ އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް 7 މެންބަރަކު ވޯޓް ދެއްވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. ޒާހިދުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް އިހްތިޔާރު ކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ޝަކީލެވެ.
އިލެކްޝަންސް ކޮމިޝަނަށް އައްޔަނުކުރުމަށް މަޖިލީހުން ފާސްކުރި ޝަކީލް ވަނީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުގެ އިތުރުން އެ ޕާޓީގެ ސެނެޓް މެންބަރުކަމާއި އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މަގާމުތައް ވެސް ފުރުއްވައިފަ އެވެ.
އޭނާ އަކީ ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ރައީސް މުއިއްޒަށް ސަނާ ކިޔައި، ސަރުކާރާ ދެކޮޅަށް ބަސްބުނާ ފަރާތްތަކަށާއި އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާ ބޭފުޅެކެވެ.
މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުމާއެކު، ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ޕީއެންސީގެ އެކްޓިވިސްޓުން، އައްޔަނުކުރަމުންދާތީ އެކަމާ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރެއެވެ.




