މާވިން އާއި ލަމްހާ.-
މާވިން 25 އަހަރަށް، ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ފިޔެސް 1 ޖުލައި 2026 (ބުދަ)   17:48
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) 25 އަހަރަށް ޖަލަށްލާން އަދި އެކަމުގައި ބައިވެރިވުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ 15 އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރީ އޮކްޓޫބަރު، 2021 ގައި އޭނާގެ އަނބިމީހާ މޭރީއަށް ހަމަލާދީ މަރާލި ކަމަށް ބުނެ އެވެ. އެގޮތުން މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މޭރީ މަރާލީ މާވިން ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ. އަދި މާވިން އާއި ލަމްހާ އޭރު އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި އެކަމުގައި ލަމްހާގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގުން ހާމަވުމުން މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލިއެވެ.

މާވިން އާއި ލަމްހާގެ މައްޗަށް ހިންގި މި ދެ މައްސަލަވެސް ސާބިތުވާ އެ ދެމީހުންގެ މައްޗަށް ސާބިތުވާ ކަމަށް މިދިޔަ ޖޫން 22 ގައި ވަކިވަކިން އޮތް ޝަރީއަތުގެ މަޖިލީހުގައި ހުކުމް ކުރިއެވެ.

އަދަބު ކަނޑައެޅުމަށް މިއަދު ވަކިން ބޭއްވި ދެ މަޖިލީހުގެ ތެރެއިން ފުރަތަމަ އޮތީ މާވިންގެ މައްޗަށް ހުކުމް އިއްވުމެވެ. އެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އެދުނީ މާވިންގެ އަދަބު އަށް ދަރަޖަ މަތިކޮށް، 25 އަހަރަށް ޖަލަށްލުމަށެވެ. އެއީ އޭނާ ހިންގި އަމަލުގެ ސަބަބުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މީހެއްގެ ފުރާނަ ގެއްލި އަދި މައުސޫމް ކުޑަކުއްޖަކު މަންމަގެ ލޯބިން މަހުރޫމްވެފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.

މާވިންގެ މައްޗަށް އުފުލި އެނގިހުރެ މީހަކު މަރާލުމުގެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ. އަދި އޭނާގެ ފަރާތުން މިއަދު ކޯޓުގައި އެދުނީ އެ ކުށަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ކަނޑައަޅައިދިނުމަށެވެ.

ނަމަވެސް، އެ މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ މާވިންގެ މައްޗަށް އަދަބުގެ ދަރަޖަ މަތިކޮށް، 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އޭގެ ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ މަރާލާފައިވުމާއި އެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ. އަދި އޭނާގެ އަމަލުގެ ސަބަބުން އެމީހުންގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވާތީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި މާވިން ބަންދުގައި ހުންނަތާ ހަތަރު އަހަރާއި ހަ މަހާއި 4 ދުވަސް ވަނީ ވެފަ އެވެ. އެހެންކަމުން ޖަލު އަދަބުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހެވެ.

މޭރީގެ މަރާ ގުޅިގެން މާވިން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު އޭނާ ފަހުން ވަނީ އިސްލާމްވެ، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފަ އެވެ.

ލަމްހާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބޭއްވި މަޖިލީހުގައި ދައުލަތުން އެދުނީ ލަމްހާގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. އެގޮތަށް އެދުނީ ލަމްހާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު އެ އަމަލު ހިންގާފައިވާތީ އެވެ.

މީގެ އިތުރުން ދުރާލާ ރާވައިގެން، އެއްވެސް ކުލުނެއް ނެތި ހިންގި އެ އަމަލުގެ ސަބަބުން މޭރީގެ ދަރިފުޅު ބޭރު ގައުމެއްގައި ނިކަމެތިވެ އަދި މަންމަގެ ލޯބިން މަހުރޫމްވި ކަން ދައުލަތުން ފާހަގަކުރި އެވެ. އަދި މޭރީ މަރާލުމުގެ މަގުސަދަކީ މާވިންއާ އެކު އޮތް ލޯބީގެ ގުޅުން ކުރިއަށް ގެންދިއުން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ލަމްހާގެ ފަރާތުން އެދުނީ އޭނާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި ގޭ ބަންދަށް ނުވަތަ ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ. އަދި ޖަލު އަދަބު އެހެން އަދަބެއް ގޮތަށް ކަނޑައަޅައިދޭން ލަމްހާގެ ފަރާތުން އެދުނީ އޭނާގެ 58 އަހަރުގެ މަންމައަކީ އެކަނި ދިރިއުޅޭ މީހަކަށްވާތީ އާއި ލަމްހާއަކީ ތައުލީމުގެ އެހީގައި ކުދިންނަށް ޓިއުޝަންދީ އަދި ފަހައިގެން އާމްދަނީ ހޯދައި މަންމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މީހަކަށްވާތީ އެވެ.

މީގެ އިތުރުން ކުށުގެ އަދަބާ އަޅާ ބަލާއިރު ލަމްހާ މިހާރު ވެސް ވަނީ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާތީ އެ މުއްދަތަށް ބަލާއިރު ޖަލު އަދަބު ބަދަލުކޮށްދިނުމަށް އެދުމުގެ ފުރުސަތު އެބައޮތް ކަން ލަމްހާގެ ވަކީލް ފާހަގަ ކުރެއްވި އެވެ. އަދި އޭނާ ޖަލު އިތުރަށް ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ނަމަވެސް، އެ މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ ލަމްހާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި އެހެން އަދަބެއް ކަނޑައަޅަން ޖެހޭ ހާލަތެއް އަދި އަދަބު ދަށް ކުރަން ޖެހޭ ހާލަތެއް ވެސް ނެތް ކަމަށެވެ.

ގާޒީ ވިދާޅުވީ އެ ކުށުގައި ލަމްހާ އަދާކުރި ދައުރާއި އެކަމުގައި ބައިވެރިވި މިންވަރު އަދި މޭރީގެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީ އޭނާގެ އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭ ކަމަށެވެ. އަދި މޭރީ މަރާލުމުގެ ގަސްތު ލަމްހާގެ އޮތް ކަމާއި އެކަމުގައި އެންމެ މަތީ ދަރަޖައަށް ލަމްހާ ބައިވެރިވެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ ކަނޑައެޅުއްވީ އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް ލަމްހާގެ މައްޗަށް އިއްވުމަށެވެ. އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ތިން މަހުގެ ޖަލު ހުކުމުގެ އަދަބާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން އެއް މަހުގެ ޖަލު ހުކުމެއް ގާޒީ އިއްވެވިއެވެ.

ޖުމްލަ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް ލަމްހާގެ މައްޗަށް އިއްވި ނަމަވެސް ބަންދުގައި ތިން އަހަރާއި ފަސް މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބުން އެ މުއްދަތު އުނިވާނެ އެވެ.

ކޮމެންޓް