
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ 2022 ޑިސެމްބަރު، 25 ގައެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމީ އެމަނިކުފާނުގެ ދިފާއީ ހެކިތައް ނަފީ ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ފަހުގައެވެ. ނަމަވެސް އެ މައްސަލަ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އާ ހެކިތައް ބަލައިގަތުން ގޯސް ކަމަށް ނިންމާ، ދަށު ކޯޓުން އަލުން މައްސަލަ ބަލަން ހުކުމްކޮށްފަ އެވެ.
އޭގެ ފަހުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިކޯޓުގެ އެ ނިންމުން ބާތިލުކޮށް، ދަށު ކޯޓުގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. މިއަދު އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅި ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުالله ހަމީދު އެވެ. ފަނޑިޔާރު ޝުޖޫންގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ތާއީދު ކުރެއްވިއެވެ.
އިސްތިސްނާ ހާލަތެއްގައި އާ ހެކި ބަލައިގަނެވޭނީ އެ ހެއްކަކީ ދަށު ކޯޓުގެ މަރުހަލާގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްގެން ވެސް ހޯދިފައިނުވާ ހެއްކަކަށްވުމާއި، އެ ހެއްކަކީ މައްސަލައިގެ ހުކުމަށް ބަދަލުނައި ނަމަވެސް މައްސަލައިގެ މައުލޫއަށް އެކަށީގެންވާ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށްވުމާއި، އެ ހެއްކަކީ ސައްހަކަމާމެދު ސުވާލު އުފެދިފައި ނުވާ ހެއްކަކަށް ވާން ޖެހޭނެ ކަމަށް ޝުޖޫންގެ ރައުޔުގައި ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތް ވެސް ވަނީ މަޑުޖައްސާލައިފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމް އައި ގޮތުން ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބަލާއިރު އާ ހެކިތަކަށް ރިއާޔަތް ނުކުރެވޭނެ އެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
އޭގެއިތުރުން ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިޔަން ޑޮލަރު ހޯދުމަށް އެ މަނިކުފާނު ދައުވާ ކުރައްވާ މައްސަލަވެސް ހައި ކޯޓުގައި އެބައޮތެވެ.




