
މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު ކޮލަމްބޯއާ 12 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އަކުރެގޮޑާ ސަރަހައްދުގެ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި، ކާރެއްގެ ތެރޭގައި ތިއްބާ އެ ދެމަފިރިންނަށް ބަޑިން ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން ލަންކާ ފުލުހުން ހޯދަމުން ދިޔައީ އެތުކަންދުރާ އަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނެކެވެ.
ލަންކާގެ ފުލުހުން ބުނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ހުކުރު ދުވަހު އެ މީހާ އައުމާއެކު، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރުން އޭނާ ހައްޔަރު ކުރި ކަމަށެވެ.
އޭނާ ލަންކާއަށް ދިޔައީ ރާއްޖެއިން ކަމަށްވިޔަސް، އޭނާ ރާއްޖެ އައުމާއެކު އަނބުރާ ފޮނުވާލީ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ. އަދި އޭނާއަކީ ރާއްޖޭގައި ކުރިން ވަޒީފާ އަދާކުރި މީހެއްކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މިކަމުގައި ރާއްޖޭގެ އިމިގްރޭޝަނުންވެސް އަދި ދިވެހި ފުލުހުންވެސް މިހާތަނަށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ލަންކަ ފުލުހުންނާ ހަވަލާދީ ލަންކާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، އެމީހާއަކީ ރާވައިގެން ކުށްކުރާ ގްރޫޕެއްގެ މީހެކެވެ. އިތުރަށް ތަހުގީގު ކުރުމަށްޓަކައި އޭނާ މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ލަންކާ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، 2025ގެ އޮކްޓޯބަރު މަހު ގަވާއިދާ ހިލާފު މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ވެސް ފުލުހުން އޭނާ ހައްޔަރުކުރި އެވެ. އެ ދެ ފަހަރު ވެސް އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ޖޫރިމަނާކޮށްފަ އެވެ.




