
މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަމެވެ.
ހުތުބާގައި ބަޔާންކޮށްފައިވަނީ، އިންސާނާގެ ފިތުރަތުގައި އަމާންކަމާއި، ސަލާމަތްތެރިކަމާއި މިނިވަންކަމާއި އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުން ލައްވާފައި ވާކަމަށެވެ. ކޮރަޕްޝަނަކީ އިންސާނާގެ ފިތުރަތު އެކަމަށް ނުރުހޭ، އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށް ބަލިމަޑުކަމެއްގެ އިތުރުން އެއީ ބިން ފަސާދަކުރާ، ސަލާމަތް ބުއްދިއާ ފުށުއަރާ، ނަފުސުގެ އިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށްވެސް ހުތުބާގައި ބަޔާންކުރި އެވެ.
"މިއީ އިލާހީ ކޯފާއަށް ހުށަހެޅޭ، ބޮޑުވެގެންވާ ފާފައެކެވެ."
ހުތުބާގައި ބުނެފައިވާ ގޮތުގައި، ކޮރަޕްޝަނަކީ ނާޖާއިޒު އަމިއްލަ މަންފާއެއް ހޯދުމަށް ނުވަތަ ފޯރުކޮށްދިނުމަށްޓަކައި، ތިމާއާ ހަވާލުކުރެވިފައިވާ މަގާމެއްގެ ނުފޫޒު ނުވަތަ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ހިންގާ ކޮންމެ އަމަލެކެވެ. ކޮންމެ މީހަކާވެސް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަކީ އަމާނާތެއްކަން ފާހަގަކޮށް، އަމިއްލަ ފައިދާއަށްޓަކައި މަގާމުގެ ބޭނުންކުރުމަކީ އެ އަމާނާތަށް ހިޔާނާތްތެރިވުން ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
މިއަދުގެ މުޖުތަމައުގައި ފެތުރެމުންދާ ރިޝްވަތުގެ ނުރައްކަލަށް އަލިއަޅުވާލަމުން ހުތުބާގައި ނަސޭހަތްތެރިވީ، ރިޝްވަތަކީ ހައްގުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާތިލު އެއްޗެއް ހޯދުމަށް ނުވަތަ ބާތިލު އެއްޗެއްގެ ގޮތުގައި ދެއްކުމަށްޓަކައި ދެވޭ ކޮންމެ އެއްޗެއް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ހަދީސް ބަސްފުޅުތައް ހުތުބާގައި ގެނެސްދީފައިވެއެވެ.
"ތިޔަބައިމީހުން ކުރެ މީހަކަށް ތިމަންކަލޭގެފާނު މަސްއޫލިއްޔަތެއް ހަވާލުކުރައްވައިފި ނަމަ، ތިނޯހެއްގެ މިންވަރު ނުވަތަ އެއަށްވުރެ ކުޑަ ނުވަތަ ބޮޑު އެއްޗެއް، ތިމްނަކަލޭގެފާނަށް ވަންހަނާކުރި ނަމަވެސް، އެއީ ޚިޔާނާތެކެވެ. ގިޔާމަތް ދުވަހު އެ ޚިޔާނަތާއިގެން އެ މީހަކު އަންނާނެތެވެ." ޚުތުބާގައި ބަޔާންކޮށްފައިވާ ކީރިތި ރަސޫލާ ﷺ ގެ ހަދީސެއްގައި ވެއެވެ.
ކޮރަފްޝަނުގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ހުތުބާގައި ބުނެފައިވަނީ، އޭގެ ސަބަބުން އިޖުތިމާއީ އަދުވެރިކަން ނެތިގޮސް ފަގީރުކަން އިތުރުވެ، އިގުތިސޯދުގެ ތަނބުތައް ފުނޑުފުނޑުވާ ކަމަށެވެ. މިއީ ގައުމުގެ ތަރައްގީއަށް ހުރަސްއެޅި ނާއިންސާފާއި ބިރުވެރިކަން އާންމުވުމަށް މެދުވެރިވާ ސަބަބެއް ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.
ރިޝްވަތަށް މަގުފަހިވާ މައިގަނޑު ސަބަބަކީ ނަފުސުގެ ދަހިވެތިކަން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. ހަގީގީ މުއްސަނދިކަމަކީ މުދާ ގިނަވުން ނޫން ކަމަށާއި، ހަގީގީ މުއްސަނދިކަމަކީ ނަފުސުގެ ފުދުންތެރިކަން ކަމަށް ބަޔާންކޮށް، ހަރާމް މަންފާއަށް ދަހިވެތިވެ ދީނާއި ނަފުސުގެ ކަރާމާތް ވިއްކާނުލުމަށް ހުރިހާ މުސްލިމުންނަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދުނިޔަވީ ހަޔާތުގެ ބާއްޖަވެރިކަމާއި އާހިރަތުގެ ފަލާހަށް އެދޭނަމަ، ރިޝްވަތުގެ ނޭއްގަނީ އަމަލުތަކާ ދުރުހެލި ވުމަށާއި މާތްﷲ ގެ ކޯފާއަށް ބިރުވެތި ވުމަށާއި ތަވާލުއުވެރި ނަފުސުގެ ފުދުންތެރިކަމުގެ މައްޗަށް ދިރިއުޅުން ބިނާކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.




