
މި މައްސަލަ މާލެ ސިޓީ ކައުންސިލަށް ހުށަހެޅުއްވީ މިހާރު ކުރިއަށްދާ އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާންމު ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ.
މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ، މޭޔަރު މުއިއްޒުގެ ދައުރުގައި އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ، މުހަައްމަދު އަސްބާހު އަލީ ނަސީރުގެ ކުންފުންޏެއް ކަމަށްވާ އެކުއަޓައިޒް ޕްރައިވެޓް ލިމިޓެޑަށް މާލެ ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އެ ކައުންސިލުން ހަވާލުކޮށްފައިވާ ކަމަށެވެ.
އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ތިންފަހަރެއްގެ މަތިން ވަނީ ހަވާލުކޮށްފައި ކަން ފާހަގަކުރައްވަމުން ޒާޔާ ވިދާޅުވީ އެމަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރެއްވީ 17 މެއި 2022 އިން 16 އޯގަސްޓް2022 ގައި ކަމަށް ވީނަމަވެސް އެ މުއްދަތުގައި ވެސް މަސައްކަތް ނުނިންމުނު ކަމަށާ، ދެން ދެވަނަ ތާރީހަކަށް 15 އޯގަސް 2022 އިން 14 ފެބަރުއަރީ 2023 އަށް އެ މަސައްކަތް ހަވާލުކުރުމުން ވެސް އެ މަސައްކަތް ވަނީ ނުނިންމިފައި ކަމަށެވެ. އަދި ތިންވަނަ ފަހަރަށް ވެސް އެމަސައްކަތް ހަމަ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ވެސް ޒާޔާ ވިދާޅުވިއެވެ.
އަދި އެ ކުންފުންޏަކީ 2021 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށާ، ކަމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށް ފާހަގަ ނުކުރެވޭ ކަމަށް ވިދާޅުވެ، ބިޒްނަސް ލައިސަންސެއް ވެސް އެ ކުންފުނީގައި އޮތް ކަމަށް ނުދައްކާ ކަމަށާ ބިޒްނަސް ޕާމިޓެއް ވެސް އޮތް ކުންފުންޏެއް ކަމަށް ނުދައްކާ ކަމުގައި ވެސް ޒާޔާ ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާއިން 9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައި އެވަނީ ޑރ. މުހައްމަދު މުއިއްޒުގެ ގާތް ބޭފުޅަކަށްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކަންކަމުން ސާބިތުވާކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، އެ 9 މިލިޔަނަށްވުރެ ގިނަ ފައިސާގެ ކޮރަޕްޝަން މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން ފާސްކޮށްދެއްވުމަށް ހުށަހަޅުއްވާކަމަށެވެ.
އަދ ޒާޔާ ފާހަގަކުރެއްވީ، ދާދިފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލި އުސޫލުގައިވާގޮތުން، އެ ކޮމިޝަނުން އިސްކަންދީގެން އަވަސް ތަހުގީގުތައް ހިންގަނީ ޕްރޮސިކިއުޓާ ޖެނެރަލް ތަހުގީގު ކުރަން އަމުރުކުރާ މައްސަލަތަކަށް ކަމުގައި ވާތީ، މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމުރުކޮށްދެއްވުން އެދި ޕްރޮސިކިއުޓާ ޖެނެރަލަށް ދެންނެވުމަށް ކައުންސިލުން ފާސްކޮސްދެއްވުމަށް ވެސް ހުށަހަޅުއްވާ ކަމަށެވެ.
އެހެންކަމުން ޒާޔާގެ މި ހުށަހެޅުއްވުން މާލެސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އަގުލަބިއްޔަތުން މިއަދު ފާސްކޮށްފައި ވަނީ އެ މައްސަލަ އޮޑިޓްކޮމެޓީއަށް ފޮނުވުމަށެވެ. އަދި އެ ކޮމެޓީން ނިންމާގޮތެއްގެމަތިން ކުރިއަށް ދިޔުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު، މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު (2021 އިން 2023 އަށް) އެމަނިކުފާނަށް ތުހުމަތުކޮށް ނުވަތަ އޭރުގެ ސިޓީ ކައުންސިލާ ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު އަދި އާންމުކޮށް ސިޔާސީ ގޮތުންނާއި މީޑިއާގައި ބަހުސްކުރެވެމުން އައި މުހިންމު މައްސަލަތަކެއް އޭރުވެސް ވަނީ ފެންމަތިވެފައެވެ.
އެގޮތުން މުއިއްޒުގެ މޭޔަރުކަމުގައި މާލެތެރެއިން ޕާކިން ސްލޮޓްތަކެއް ކުއްޔަށް ދޫކުރުމުގައި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށާ، ބިޑިންގ މަރުހަލާގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދައި އޭސީސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނެއެވެ.
އަދި ގްރޭޓަރ މާލެ ސަރަހައްދުގެ ބައެއް ބިންތަކާއި ކޮށިތައް ކުއްޔަށް ދޫކުރުމުގައި ހުރި މައްސަލަތަކެއް ވެސް އޭރު ފެންމަތިވެފައި ވާއިރު، ހާއްސަކޮށް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ލޯކަލް މާރުކޭޓު ގޮޅިތަކާއި އެހެނިހެން އެސެޓްތައް ވެސް ކުއްޔަށް ދޫކުރުމުގައި އިއުލާންކުރުމާއި ކޮންޓްރެކްޓް ހަވާލުކުރުމުގެ މަރުހަލާގައި ގަވާއިދާ ހިލާފު ކަންކަން ހުރިކަމަށް ބުނެ އޭސީސީއަށް ހުށަހެޅުނު މައްސަލަތައް ވެސް ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން ޕްރޮކިއުމަންޓާއި މަޝްރޫއުތަކުގެ ތެރެއިން. މާލޭގެ މަގުތަކުގައި ބެހެއްޓި މަގުބައްތިތައް ހޯދުމުގައާއި ކައުންސިލުން ހިންގި ބައެއް މަރާމާތުގެ މަސައްކަތްތަކަށް ތަކެތި ގަތުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ބުނެ ކުރެވުނު ތުހުމަތުތަކަކާއި، ކައުންސިލްގެ މުދަލާއި ވަސީލަތްތައް ސިޔާސީ ކެމްޕޭން ހަރަކާތްތަކުގައި ބޭނުންކުރި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތަކެއް ވެސް ހިމެނެއެވެ.




