
މިކަމާގުޅޭގޮތުން އިމިގްރޭޝަނުން ސޯޝަލްމީޑިއާގައި ބުނީ، އޭއައިގެ އެހީގައި ޕާސްޕޯޓް ފޮޓޯ އެޑިޓް ކުރުމަކީ ކަނޑައެޅިފައިވާ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށާ، އެފަދަ ފޮޓޯތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައިނުގަނެ ރިޖެކްޓް ކުރެވޭނެ ކަމަށެވެ.
އިންސާނާގެ ބައިއޯމެޓްރިކް މައުލޫމާތު ދެނެގަތުމަށް ބޭނުންކުރާ ރަސްމީ ލިޔުމަކީ ޕާސްޕޯޓް ފޮޓޯ ކަމަށްވާތީީ، އޭގައި ހުންނަ މީހާގެ އަސްލު ސިފަތަކަށް ބަދަލު އަންނަ ގޮތަށް އެޑިޓްކުރުމަކީ ސަލާމަތީ ގޮތުންނާއި އުސޫލީ ގޮތުން ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ޕާސްޕޯޓަށް އެދޭ އެންމެހާ ފަރާތްތަކުން ވެސް އެއްވެސް ބަދަލެއް ނުގެންނަ، އަސްލު ފޮޓޯ ހުށަހެޅުމަށް އިމިގްރޭޝަނުން އެދިފައިވާއިރު، އޮންލައިންކޮށް ޕާސްޕޯޓަށް އެދޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން އޭއައި އެޕްލިކޭޝަންތައް ބޭނުންކުރުން އިތުރުވަމުން އަންނަ ސަބަބެއްކަމަށް ބެލެވެނީ އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، ފޮޓޯ ރީތިކުރުމުގެ ގޮތުންނާއި އެކިއެކި ބަދަލުތައް ފޮތޯއަށް ގެނައުމުގެ ގޮތުންކަމަށެވެ.




