
ފާއިތުވި ބުރާސްފަތި ދުވަހު މި އެއްބަސްވުމުގައި ސޮއިކުރީ، ޗައިނާގެ ޝަންހާއީގައި މިހާރު ކުރިއަށްދާ އަހަރީ "ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސް" ގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައިވާ ގޮތުން، WAICO އަކީ ޝަންހާއީގައި މަރުކަޒު ގާއިމުކުރެވިފައިވާ، މިނިވަން، ސަރުކާރުތަކުގެ މެދުގައި އޮންނަ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
ކަޒަކިސްތާން، ލާއޯސް، ޕާކިސްތާން، ރަޝިޔާ އަދި އިންޑޮނޭޝިއާ ހިމެނޭހެން 29 ގައުމެއްގެ މަންދޫބުން މި އެއްބަސްވުމުގައި ސޮއިކުރެއްވުމާއެކު، އެ ގައުމުތައް ވެގެންގޮސްފައިވަނީ WAICO އުފެއްދި މެންބަރު ގައުމުތަކަށެވެ. މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ މަންދޫބުންގެ ތެރޭގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ހިމެނިވަޑައިގަންނަވައެވެ.
މި އެއްބަސްވުމުގައިވާ ގޮތުން، މި ޖަމިއްޔާއިން އދ. ގެ ޗާޓަރުގެ މަގްސަދުތައް ދަމަހައްޓައި، އެންމެންގެ ލާބައަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމާއި، ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދީ، އިންސާނުންނަށް އިސްކަންދޭ އުސޫލުތަކަށް ތަބާވާނެއެވެ.
މި ޖަމިއްޔާގެ މަގްސަދަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ ދާއިރާއިން ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި، އޭއައި އަކީ ފައިދާހުރި، ރައްކާތެރި އަދި އިންސާފުވެރި އެއްޗަކަށް ހެދުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ގަވާއިދުތައް އެކުލަވައިލުމެވެ. އަދި މުޅި އިންސާނިއްޔަތަށް ފައިދާކުރާނެ ފަދަ ދުޅަހެޔޮ އަދި ތަރުތީބުވެފައިވާ ކުރިއެރުމެއް މި ދާއިރާއަށް ހޯދައިދިނުމެވެ.
މި ކޮންފަރެންސްގައި 1،100 އަށް ވުރެ ގިނަ ކުންފުނިތަކާއި 1،400 އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވަމުން ދާއިރު، މިއީ އޭއައިގެ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.




